07 Oct 2019, 12:30
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ 60 މީހަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވީލް ޗެއާ ހަދިޔާކޮށްފި އެވެ.
މިއީ ބީއެމްއެލްގެ އަހަރެންގެ ބޭންކް ޕްރޮގްރާމުގެ ދަށުން، ހިނގާ ބިނގާވެ އުޅުމަށް ދަތި ފަރާތްތަކަށް ދިން ހަދިޔާއެކެވެ. އެ ބޭންކުން ހަދިޔާ ކުރަނީ މޮޓަރައިޒްޑް ވީލްޗެއާ އެވެ.
މިދިޔަ އަހަރު ވެސް ބީއެމްއެލް އިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ 76 ފަރާތަކަށް ވީލްޗެއާ ހަދިޔާކޮށްފަ އެވެ.
ވީލް ޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން އަބަދު ވެސް ވަރަށް އިސްކަންދޭ ކަމަށެވެ.
"ހާއްސަ މޮޓޮރައިޒްޑް ވީލްޗެއަ ލިބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ޓިމް ވިދާޅުވި އެވެ.
މުޖުތަމައަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ބޭންކުން އެހީދެ އެވެ.