އިސްލާމް ދީނާއި، ކީރިތި ގުރުއާން އަދި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓު ކުށްވެރިކޮށް، އެ ޖަމިއްޔާ އުވާލަން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް މިއަދު ގޮވާލައްވައިފި އެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އިސްލާމްދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

މެމްބަރު ނަޝީދު ހުށަހެއްޅުއްވި ކުއްލި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި މިއަދު ހޫނު ބަހުސެއް ކުރިއަށް އެބަ ދެއެވެ. ބަހުސްގައި ވާހަކަދެއްކެވި ގިނަ މެމްބަރުން ވަނީ އެމްޑީއެންގެ ރިޕޯޓުގައިވާ ވާހަކަތައް ކުށްވެރިކޮށް އެ އެ ޖަމިއްޔާއާ މެދު ފިޔަވަޅު އަޅުއްވަން ގޮވާލައްވައިފަ އެވެ.

މަޖިލީހުގައި ވާހަކަ ދެއްކި ގިނަ މެމްބަރުންވަނީ އިސްލާމްދީނާ އަދި ރަސޫލާއަށް ހަޖޫޖަހައި، ދީނާ ދެކޮޅު ވާހަކަ ދެއްކުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށާއި، އެފަދަ ވާހަކަތަކެއް ދައްކާނަމަ އެކަމާ ދެކޮޅަށް ތެދުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިބްރާހިމް ޝަރީފް --- ފައިލް ފޮޓޯ/ މަޖިލިސް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ދިވެހި ރައްޔިތުންގެ އިހްސާސްތަކާއި ޝުއޫރުތައް ހޫނުވާ ގޮތަށް އެއްވެސް ބަޔަކު އެއްވެސް ކަހަލަ ރިޕޯޓެއް ނެރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރިކަމަށް ގިނަ ދިވެހިންނަށް ފެންނަ ނަމަ އެ ރިޕޯޓު ބޭންކޮށް، ފިޔަވަޅު އަޅަން ޝަރީފް ވަނީ ގޮވާލައްވައިފަ އެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓު ހަގީގަތުގައި ޕަބްލިޝް ކުރެވިގެން ވެސް ނުވާނެ ކަމަށެވެ. އަދި ދީނާ ދެކޮޅު ވާހަކަދައްކާ ސޯޝަލް މީޑިއާ ޕޭޖުތައް ވެސް ބްލޮކް ކުރަން ޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ، މަޖިލިސް

"ރިޕޯޓު އަނބުރާ ގެންގޮސްފައި މިވަނީ. ހަގީގަތުގައި އެ ރިޕޯޓު ނެރެވިގެން ވެސް ނުވާނެ ފުރަތަމަ ކަމަކަށް. ދީނާ ދެކޮޅަށް، ރަސޫލާ އާދެކޮޅަށް އެއްވެސް ވާހަކައެއް ދެއްކިގެން ނުވާނެ. ފޭސްބުކް އާ ސޯޝަލް މީޑިއާގައި ހުރި ޕޭޖު ތައް ބްލޮކް ކުރެވެން ޖެހޭނެ. އެކަން ނުކުރެވެންޔާ އައިއެސްޕީ ތަކުން ސާވިސް ދިނުން ހުއްޓާލާށޭ،" މެމްބަރު ވިދާޅުވި އެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ އިސްލާމް ދީނާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަނީ ގާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ލިޔެ "ލޮކް" ކުރެވިފައި ވާތީ ކަމަށެވެ.

އަދި މިއީ މިއަދަކު ފެށިގެން އުޅޭ މަސައްކަތެއް ނޫން ކަމަށާއި، ދީނާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވަން އެންމެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ލާދީނީ ސިޔާސަތު ފެތުރުމަށް ކުރާ މަސައްކަތް ހައްދު ފަހަނަ އަޅާފައިވާ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން - ފޮޓޯ / މަޖިލިސް އިދާރާ

ސައުދު ވިދާޅުވީ އެމްޑީއެން އިން ރިޕޯޓު އަނބުރާ ގެންދިއުމަށް ފަހުވެސް ތަކުރާރުކޮށް ދީނާ ހިލާފު ވާހަތައް ދައްކަމުން އަންނަ ކަމަށާއި، މިއީ ރޭވިގެން ހިނގާ ކަމެއްކަން ސާފު ކަމަށެވެ.

"ލާދީނީ ސިޔާސަތު ފެތުރުމަށް ކުރާ މަސައްކަތް މިވަނީ ހައްދު ފަހަނަ އަޅާފައި...އަޅުގަނޑު ގޮވާލަން އެމްޑީއެން، މި ޖަމާއަތް އުވާލަން،" ސައުދު ވިދާޅުވި އެވެ.

މިއަދު ބަހުސްގައި ވާހަކަ ދައްކަވަމުން ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދު ވަނީ އެމްޑީއެން އަކީ "އަނދިރި ދައުލަތެއް" ކަމަށް ދޭހަވާ ފަދަ އިބާރާތަކުން ވާހަކަ ދައްކަވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު --- ފޮޓޯ/ މަޖިލިސް

މެމްބަރު ވިދާޅުވީ ރާއްޖޭގައި އޮތީ އެންމެ އަނދިރި ދައުލަތެއް ނޫން ކަމަށާއި، ދެ އަނދިރި ދައުލަތް އެބަ އޮތް ކަމަށެވެ.

"އަނދިރި ދެ ދައުލަތް އެބަ އޮތް. އެންމެ ދައުލަތެއް ނޫން. ދެ ދައުލަތް އެބަ އޮތް. ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު ބަޔަކުވެސް، އިންތިޒާމްވެގެން ހަރަކާތް ހިންގާ ޖަމިއްޔާއެއް މިވަނީ އުފަންވެފައި. މިއީ ހަގީގަތަކީ. އެމްޑީއެން އަކީ މިކަން ހަމަ ސިލްސިލާކޮށްކޮށް މީގެ ހަރަކާތްތައް އަޅުގަނޑުމެންނަށް ފެނި ދިޔަ ޖަމިއްޔާއެއް. މިއީ ބިރުހުރި ކަމެއް،" މެމްބަރު ވިދާޅުވި އެވެ.

ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރާ ނަމަ، އެމްޑީއެން މިހާރު ވުޖޫދުގައި އޮވެގެން ނުވާނެ ކަމަށް ވިދާޅުވެ، ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން އެމްޑީއެންއާ މެދު ފިޔަވަޅު އަޅައި އެ ޖަމިއްޔާ އުވާލަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ ރާއްޖޭގައި ހައްދު ފަހަނައަޅާ ދިއުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށާއި، ނަމަވެސް އެ ލަފްޒު މާނަކުރެވެނީ އެއް ކޮޅަށް ކަމަށެވެ. ނަމަވެސް ލާދީނީ ފިކުރާއި ހަރުކަށި ފިކުރުވެސް ހައްދުފަހަނައަޅާފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ މުހައްމަދު ރާއީ ވިދާޅުވީ އިސްލާމްދީނާ ހިލާފު އެއްވެސް ކަމެއް ރާއްޖޭގައި ހިނގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

ވައިކަރަދޫ ދާއިރާ މެމްބަރު ޒިޔާދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ވާހަކަތަކަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި އެ ރިޕޯޓު ހަރުކަށި އިބާރަތުން ކުށްވެރިކުރާ ކަމަށެވެ.

"ދީނާ ދެކޮޅަށް ވާހަކަ ދައްކަންޏާ އަޅުގަނޑުމެން ތެދުވާނަން،" މެމްބަރު ވިދާޅުވި އެވެ.