07 Oct 2019, 12:06
މިމަހުގެ 7-11 އަށް ފާހަގަކުރާ ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފްތާއާ ގުޅުވައިގެން "ހިނިތުންވުމާއެކު" ގެ ނަމުގައި އެމްޓީސީސީ އިން ކެމްޕެއިނެއް ފަށައިފި އެވެ.
މި ކެމްޕެއިނުގެ މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކަސްޓަމާ ސާވިސްގެ މުހިއްމުކަމާ މެދު ހޭލުންތެރިކޮށް އެމްޓީސީސީގެ ހިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ކަސްޓަމަ އެކްސްޕީރިއަންސް މިހާރަށްވުރެ ރަނގަޅުކުރުން ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
މީގެ އިތުރުން ކަސްޓަމަރުންނާއި މުވައްޒަފުންނާމެދު އޮންނަ ގުޅުން ބަދަހިކޮށް އިތުބާރު ބޮޑުވެގެންދިޔުމަކީވެސް މި ކެމްޕެއިނުގެ މަގުސަދެއްކަމަށް އެމްޓީސީސީ އިން ބުންޏެވެ.

"ހިނިތުންވުމާއެކު" ކެމްޕެއިން ފެށުމަށް ބޭއވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެމްޓީސީސީ އަކީ ގިނަ ސިނާއަތްތަކެއްގައި ރައްޔިތުންނާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. ކުންފުނިންދޭ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށް ކަސްޓަމަރުންނާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ އެމްޓީސީސީގެ މަގުސަދެއް ކަމަށްވެސް ޝާހު ވިދާޅުވި އެވެ.
"ހިނިތުންވުމާއެކު" ކެމްޕެއިން ކުރިއަށް ގެންދާނީ މިމަހުގެ ަހަކުން އަންނަ މަހުގެ 12ގެ ނިޔަލަށެވެ. މި މުއްދަތުގައި އެމްޓީސީސީގެ ކަސްޓަމަރުންނަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.