އެތައް ބަޔަކު އިންތިޒާރުކުރަމުން އަންނަ، ސީޑަބްލިއުގެ މަޝްހޫރު ޓީވީ ޝޯ "ރިވަރޑޭލް"ގެ ހަތަރު ވަނަ ސީޒަންގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ރިވަރޑޭލްގެ ސީޒަން ތިނެއް ނިމިގެން ދިޔައީ ވަރަށް ގިނަ ސުވާލުތައް އުފައްދާފައެވެ. އަދި އެ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމުގެ އިޝާރާތެއް ޓްރެއިލާއިން ކުރިއެެވެ.

ޝޯގެ ލީޑު ކެރެކްޓަރުންގެ ހަޔާތުގެ މައްޗަށް ޓެރެއިލާގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން ލީޑް ކެރެކްޓަރެއް ކަމަށްވާ އާރޗީ (ކޭޖޭ އެޕާ)ގެ ބައްޕަ ވަނީ ސީޒަން ތިނެއްގައި މަރުވެފައެވެ. އެއާއެކު އޭނާގެ ހަޔާތަށް އަންނަ ބޮޑެތި ބަދަލުތައް އާ ޓްރެއިލަރުން ފެނިގެންދެއެވެ.

ވެރޯނިކާ ލޮޖް (ކެމިލާ މެންޑޭޒް)ގެ ބައްޕަ އާ ގުޅޭގޮތުން އޭނާއަށް ނޭނގޭ އެތައް ކަމެއް ހުރި ކަމަށް ޝޯގެ ތިން ސީޒަންގައި ވަނީ އަލިއަޅުވާލާފައެވެ. އަދި ހަތަރުވަނަ ސީޒަންގައި ވެެރޯނިކާއަށް އޭނާގެ ބައްޕަގެ ސިއްރުތައް އެނގިގެން ދާނެ ކަމަށް އިޝާރާތްކޮށްފައިވެއެވެ.

ޝޯގެ އިތުރު ލީޑް ކެރެކްޓަރެއް ކަމަށްވާ ޖަގްހެޑް (ކޯލް ސްޕްރައުސް) އާ ސްކޫލަކަށް ބަދަލުވާއިރު ބެޓީ (ލިލީ ރެއިންހާޓް)އަށް އޭނާގެ އިތުރު ބޭބެއެއއް ހުންނަކަން އެނގި އެ ބޭބަކީ ކާކުކަން މި ސީޒަންގައި އެނގިގެން ދާނެއެވެ.

އެ ޝޯގެ ހަތަރުވަނަ ސީޒަން ދައްކަން ފަށަނީ އަންނަ ބުދަ ދުވަހުގައެވެ.

ރިވަރޑޭލްގެ ފުރަތަމަ ސީޒަން އަށް ފަހު އެ ޝޯއަށް ދަނީ އެތައް ބައެއްގެ ފާޑުކިޔުން ލިބެމުންނެވެ. އެގޮތުން އެ ޝޯގެ ޑައިލޮގު ތަކަށާއި ޕްލޮޓަކީ ޖޯކެއް ކަމަށް ބުނެ އެތައް ބަޔަކު ވާހަކަ ދައްކައެވެ. އެހެން ނަމަވެސް އެ ޝޯ ބަލާ މީހުންގެ އަދަދު އަދިވެސް އަންނަނީ އިތުރުވަމުން ކަމަށް ސީޑަބްލިއުއިން ބުނެއެވެ.