07 Oct 2019, 09:28
އިސްލާމްދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ކުއްލި މައްސަލަ ހުށަހަޅައިފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. މެމްބަރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މޯލްޑިވްސް ޑިމޮކަރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ދީނާ ހިލާފު ވާހަކަތަކެއް ހުރުމުންނެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާއަށް މެމްބަރު ނަޝީދުގެ އިތުރުން މަޑުއްވަރި ދާއިރާގެ މެމްބަރު، އަދި އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.
ނަމަވެސް ދެ މެމްބަރުން ވެސް އެއް މައްސަލައެއްގައި ކުއްލި މައްސަލަ ހުށަހަޅާފައި ވުމުން، ޝަރީފްގެ މައްސަލަ ވަނީ އަނބުރާ ގެންދަވައިފައެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ނަޝީދު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ކަނޑައަޅައިފައިވާ އިރު "ޕްރިލިމިނަރީ ރިޕޯޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި މާތްﷲގެ ކުޅަދުންވަންތަކަމާ ސުންނަތާ، ޤުރްއާނުގައި ހުރި ވާހަކަތަކާ ދެކޮޅަށް ގިނަ ވާހަކަތަކެއް ލިޔެފައިވާ ކަމަށެވެ.
"އެގޮތުން ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަކަތަކެއް ކަމަށާއި ދީނުގެ އަގީދާއާއި އަސްލުތަކާ މުސްލިމުން ގަބޫލުކުރާ ކަންކަމަށް ހަޖޫ ޖަހާފައިވެއެވެ." ކުއްލި މައްސަލައިގައި ވެއެވެ.
ދޫރައްކާތެރިކޮށް، ތިމާއާ ނުބެހޭ ކަންކަމާ ނުބެހުމަށް ދީނުގައި އަންގަވާފައިވުމަކީ ޑިމޮކްރަސީގައި ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ހިލާފު ކަމެއް ކަމަށް ރިޕޯޓުގައި ބުނެފައިވާ ވާހަކަ ވެސް މެމްބަރުގެ ކުއްލި މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.
ނަޝީދު ވިދާޅުވީ މިއީ ކޮން އަހަރަކު، ކޮން ސަރުކާރެއްގައި އާންމު ކުރި ރިޕޯޓެއްތޯ ބެލުން މުހިންމު ނޫން ކަމަށެވެ. އަދި 2015 ވަނަ އަހަރު އާންމު ކޮށްފައި ވަނީ ކުރު ރިޕޯޓެއް ކަމަށާއި، 100 އަށްވުރެ ގިނަ ސަފްހާގެ ރިޕޯޓު އާންމުކުރީ 2018 ގެ ރިޔާސީ އިންތިހާބަށް ފަހު ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި ރާއްޖޭގެ ދީނީ ބައެއް އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަދި މިހާރުގެ މެމްބަރުން ދަނީ އެ ޖަމިއްޔާއަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ. އަދި އެ ޖަމިއްޔާ އުވާލުމަށްވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ރިޕޯޓުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާއިރު، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.