ސިޔާސީ އަދި އެހެނިހެން ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާ ގުޅިގެން ފުވައްމުލަކުގެ ތަރައްގީ އަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ފުވައްމުލަކު ގައުމީ އިދާރާ އިން ބުނެފި އެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބޭއްވި 17 ވަނަ ސާކް ސަމިޓްގެ ހަރަކާތްތަކުގެ ތެރެއިން ފުވައްމުލަކުގައި ބޭއްވި ހަރަކާތްތައް ވަރަށް ކާމިޔާބުކަމާ އެކު ނިންމާލެވިފައި ވާތީ އެކަން ފާހަގަކޮށް، މިއަދު ފުވައްމުލަކު ގައުމީ އިދާރާ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސާކް ސަމިޓްގެ ތެރޭގައި ފުވައްމުލަކު ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ ލާމަސީލު ނަމޫނާއެއް ކަމަށެވެ.

ސާކް ސަމިޓްގެ ސަބަބުން ފުވައްމުލަކުގެ ތަރައްގީއަށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވިފައިވާކަން ފާހަގަކޮށް އެ ނޫސްބަޔާނުގައި ބުނެފައި ވަނީ އަހަރުތަކެއްގެ ދިގު އިންތިޒާރަށް ފަހު ފުވައްމުލަކުގައި އެއާޕޯޓެއް އެޅިގެން ދިއުމަކީ ޒަމާންތަކެއް ވަންދެއް އެ ރަށުގެ ރައްޔިތުން އެކަހެރިވެފައި އޮތް އޮތުން ފިލައި، ރަށު ބަންދުން ވީއްލިގެން ދިޔަ ކަމެއް ކަމަށެވެ. އަދި ސާކް ސަމިޓަށް ފުވައްމުލަކުގައި އެޅި ކްރިކެޓް ސްޓޭޑިއަމްގެ ސަބަބުން ފުވައްމުލަކުގެ ނަން ދުނިޔޭގެ ޗާޓްގައި އަދި ބައިނަލްއަގުވާމީ މުޖުތަމައުގައި ފާހަގަކޮށްލެވުނު ކަމަށް ވެސް ގައުމީ އިދާރާ އިން ބުންޏެވެ.

ސާކް ސަމިޓަށް ފުވައްމުލަކު ތުނޑީ ސަރަހައްދުގައި އަދި ބަންޑާރި ކިޅީގައި އެޅުނު ބިނާތަކުގެ ސަބަބުން ފުވައްމުލައް މިއަދު މިވަނީ ފަތުރުވެރިކަމަށް ހުޅުވާލެވިފައިކަން މިފަހަރުގެ ސަމިޓަށް ވަޑައިގެންނެވި ކަމުގެ މާހިރުންނާއި ވިޔަފާރިވެރިންގެ ވާހަކަތަކުން އެނގިގެން ގޮސްފައިވާ ކަމަށާއި ފުވައްމުލަކަށް ފަތުރުވެރިކަން ގެނައުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުން އެކަންތައް ފެށުމުގެ ވަގުތު ކުޑަތަން ވެފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.

"ސަމިޓާ ދިމާކޮށް ފުވައްމުލަކުގެ ހާލަތު މިވަނީ ވަރަށް ބޮޑުތަން ބަދަލުވެ، ފާގަތިކަމާއި އުފާވެރިކަމުގެ މަންޒިލް ކަމަށްވާ " އަނެއް ދިވެހިރާއްޖެ" ގެ މަލަމަތި ފެންނަން ފަށާފައި،" އެނޫސްބަޔާނުގައިވެ އެވެ.