15 Nov 2011, 16:38
އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓާ ގުޅިގެން އެ ސިޓީގައި ބަހައްޓާފައި ހުރި އެކިއެކި މޮނިއުމެންޓްތަކުގެ މައްސަލަ ބަލައިދިނުމަށް އެދި ޢަދާލަތު ޕާޓީ އިން ޕްރޮސެކިޔުޓަ ޖެނެރަލް (ޕީޖީ) އަށް ސިޓީއެއް ފޮނުވައިފި އެވެ.
އަދާލަތު ޕާޓީން ޕްރޮސެކިޔުޓަ ޖެނެރަލް އަހްމަދު މުއިއްޒަށް ފޮނުއްވި އެއް ސޮފުހާގެ ސިޓީގައި ބުނެފައި ވަނީ، އެކަމާ ގުޅުން ހުރި އެންމެންގެ މައްސަލަ ތަޙުޤީޤުކޮށް ކޯޓަށް ހުށަހަޅައިދިނުމަށް އެދޭ ކަމަށެވެ.
އަދި މިކަމާ ގުޅިގެން ޤާނޫނީ ގޮތުން ކުރެވެން ހުރި އެހެނިހެން ކަންކަން ބަލައި ފިޔަވަޅުއެޅުމުގެ މަސައްކަތް ޢަދާލަތު ޕާޓީ އިން ކުރަމުން އަންނަ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ނިމިގެން ދިޔަ ސާކް ސަމިޓާ ގުޅިގެން އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި މޮނިއުމެންޓްތަކުގެ މައްސަލަ ބަލައިދިނުމަށް އެދި އަދާލަތުން ފޮނުވި ސިޓީ ލިބިފައިވާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ މައްސަލައަށް ގޮތެއް ނިންމާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ކުރިން ވިދާޅުވެފައި ވަނީ ބުދުތަކެއް ވެސް އަދި ބެނާތައް ވެސް ރާއްޖެ އެތެރެކުރުމުގެ ހުއްދަ އަކަށް އެމިނިސްޓްރީގައި އެއްވެސް ފަރާތަކުން އެދިފައިނުވާ ކަމަށާއި އަދި އެފަދަ ތަކެތި ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިނުވާނެ ކަމަށެވެ.