06 Oct 2019, 22:10
ޕެސްޓިސައިޑް ނުވަތަ ދަނޑުވެރިކަމަށް ބޭނުންކުރާ ކެމިކަލް ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ މެދު ދަނޑުވެރިން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.
ޕެސްޓިސައިޑް ބިލާ ގުޅިގެން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން މިއަދު ވަނީ ދަނޑުވެރިންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ދަނޑުވެރިން ބުނެފައިވަނީ ޕެސްޓިސައިޑް ބިލަކީ ދަނޑުވެރި ކަމަށް އެއްވެސް ކުރިއެރުމެއް ލިބޭނެ އެއްވެސް ފައިދާއެއް ކުރާނެ ބިލެއް ނޫން ކަމަށެވެ.
ފުވައްމުލަކުގެ ދަނޑުވެރިއެއް ކަމަށްވާ އިބްރާހިމް ރަޝީދު މިއަދު ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބުނީ ގަސްތަކަށް ޖަހާ ބޭހާ ބެހޭ ގޮތުން ދަނޑުވެރިންނަށް މާ ބޮޑު މައުލޫމާތެއް ނޭންގޭ ކަމަށެވެ. ރާއްޖޭގެ ދަނޑުވެރިންވެސް އެއްބަސްވާ ގޮތުން އެމީހުން ގަހަށް ޖަހާ ބޭހެކޭ ބުނީމާ ގަނެގެން ދަނީ އެވެ. އެ ޖަހަންވީ ވަރެއް ޖަހާނެ މިނެއް ނޭންގެ އެވެ.
"އެންމެބޮޑު މައްސަލައަކީ. އަޅުގަނޑުމެން ކެމިކަލުގެ ވާހަކަ މިދައްކަނީ. ރާއްޖޭގައި މާލޭގައި ތަންތަނުންވެސް. އަޅުގަނޑުމެން ރަށުންވެސް އަދި ރާއްޖޭގެ އެހެންތަންތަނުންވެސް ފިހާރަ ފިހާރައިން ކެމިކަލް ވިއްކާނެ. ބޭސް ގަންނަން ދިޔައިމަ ބޭސްފުޅިއެއް ދޭނެ. ދޭއިރު އެބޭސްފުޅި ހިފައިގެން ދާ މީހާ ދާނި. އޭނައަކަށް ނޭންގޭނެ އެޔަށް ކިޔާ ނަމެއް. އޭތި ބޭނުން ކުރާނީ ކޮން ބައްޔަކަށް ކަމެއް." ފުވައްމުލަކު ދަނޑުވެރިއެއް ކަމަށްވާ އިބްރާހިމް ރަޝީދު މިއަދު ކޮމިޓީ ގައި ބުންޏެވެ.

ދަނޑުވެރިން މަޖިލީހުގެ ކޮމިޓީގައި --- ފޮޓޯ/ މަޖިލިސް
ރަޝީދު ބުނިގޮތުން އެއްދުވަހު ގަހަށް ރިހާކުރު ބޭސް ޖަހާފައި އަނެއް ދުވަހު ގަހުން އެއްޗިހި ބިދެގެން ކެއުމަކީ ސިއްހަތަށް ކިހާ ގެއްލުމެއް ހުރި ކަމެއް ކަން ދަނޑުވެރިންނަކަށް ނޭންގެ އެވެ. އަދި އެމައުލޫމާތު ދަނޑުވެރިންނަށް ދޭނެ މީހަކުވެސް ނުހުންނަ ކަމަށް ރަޝީދު ބުންޏެވެ. ބޭސްވިއްކާ މީހުންނަށް ބޭސްވިއްކުމުގެ ހުއްދަ ދޭއިރު އެތަންތަނުން އެ ވިއްކާ ބޭހުގެ މައުލޫމާތު ފޯރުކޮށް ދިނުމަށް ގާނޫނޫގައި ހިމެނުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށް ރަޝީދު ބުންޏެވެ. އެގޮތަށް ބިލުގައި ހިމަނަން ޖެހޭ ކަމަށް ރަޝީދު ބުންޏެވެ.
"އަޅުގަނޑު ދެކޭގޮތުގައި ހަމައެކަނި މިއަދު ޕެސްޓިސައިޑުގެ ބިލެއް އައިސްފަ. މާދަން އިންސެކްޓިސައިޑުގެ ބިލެއް އައިސްފަ. އަނެއް ދުވަހު ފަންގި ސައިޑުގެ ބިލެއް އައިސްފަ. އަނެއް ދުވަހު ފާޓިލައިޒާސްގެ ބިލެއް އައިމަކާ ކަމަކު ނުދޭ އިނގޭތޯ." އިބްރާހިމް ރަޝީދު ބުންޏެވެ.
އޭނާގެ ވާހަކަތަކަށް ދެން ތިބި ދަނޑުވެރިންވެސް ތާއީދު ކުރި އެވެ. ވައިކަރަދޫ ދަނޑުވެރިއެއް ކަމަށްވާ އަބްދުއްރަހީމް މިއަދު ކޮމިޓީގައި ބުނީ އާދަޔާ ހިލާފަށް ގިނައިން ގަސްގަހަށް ޕެސްޓިސައިޑް ޖަހާ މައްސަލައަށް ހައްލެއް އަންނާނީ އެކަމަށް ދަނޑުވެރިން ތަމްރީނުކޮށްގރން ކަމަށެވެ.
"މިބިލުގައި މި އޮންނަނީ ކަމަކާ ހިލާފުވެއްޖެ ކޮންމެ މީހަކު 60،000 ރުފިޔާއިން، 15،000 ރުފިޔާއިން 30،000 ރުފިޔާއިން ޖޫރިމަނާ ކުރާ ވާހަކަ. ޖޫރިމަނާއެއް ނޫން އަޅުގަނޑުމެން ބޭނުންވަނީ. ރަނގަޅު ވާހަކައެއް ޖޫރިމަނާ ބޮޑު ކުރުމަކީ އަޅުގަނޑުމެން އެކަމަށް ލަންބާލަން ފަސޭހަ ކަމެއް." އަބްދުއްރަހީމް ބުންޏެވެ.

ދަނޑުވެރިން މަޖިލީހުގެ ކޮމިޓީގައި --- ފޮޓޯ/ މަޖިލިސް
މިއަދު ކޮމިޓީ ބައްދަލުވުމުގައި ލ. ކަލައިދޫ ކައުސިންލުގެ ރައީސް ހުސައިން ހަލީލް ވިދާޅުވީ ޕެސްޓިސައިޑާ ބެހޭ ބިލު ގާނޫނަށްކަށް ވެގެން އައިސްފި ނަމަ ދަނޑުވެރިންނަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. އަދި ދަނޑުވެރިންގެ އުފެއްދުންތައް ވަރަށް ބޮޑަށް ދައްވެގެން ދާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
ޕެސްޓިސައިޑާ ބެހޭ ބިލު ކިޔާލުމުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވަން ބާރުއަޅާ އެއްވެސް މާއްދާއެއް ނުފެންނަ ކަމަށް ހަލީލް ވިދާޅުވި އެވެ. ހަލީލް ވިދާޅުވީ ގަހަށް ޖެހިފައި ހުންނަނީ ކޮންވައްތަރެއްގެ ބައްޔެއްކަން ގިނަ ދަނޑުވެރިންނަށް ނޭންގޭ ކަމަށެވެ. އަދި ގަހަށް ބަލި ޖެހުނުން " ގުރުޑުވަނީއޭ ނުވަތަ ބޮނޑިވަނީއޭ" ދަނޑުވެރިން ބުނާ ކަމަށް ހަލީލް ވިދާޅުވި އެވެ.
"ފުރަތަމަ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ އަޅުގަނޑު ދެކޭގޮތުގައި ވެއްޖެއްޔާ މި ބިލުގައި ހިމަނަންވީ ކޮންމެ އަތޮޅެއްގައި އެ ކަނޑައެޅޭ ސަރަހައްދުތަކެއްގައި ލެބޯޓްރީތަކެއް ގާއިމް ކުރަންވީ. އެ ލެބޯޓްރީތަކަށް ގެންދަންވީ ޓްރެއިނިންގް ލިބިފަ ތިބި މީހުން. އަޅުގަނޑުމެންގެ ގަސްތަކަށް ޖެހޭ ބަލިތަކަކީ ކޮބައިތޯ ދަނޑުވެރިންނަށް އައިޑެންޓިފައިވާންވީ." ހަލީލް ވިދާޅުވި އެވެ.
މިހާރު އޮތްގޮތަށް އޮއްވައި ޕެސްޓިސައިޑް ބިލު ފާސްކޮށްފި ނަމަ ދަނޑުވެރިކަން ދަށަށް ދާނެ ކަމަށް މިއަދު ދަނޑުވެރިން ބުންޏެވެ.