"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށް އަދާލަތު ޕާޓީ އިން ނިންމައިފިއެވެ.

އަދާލަތު ޕާޓީ އިން ބުނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އެ ޕާޓީ އިން ކަންބޮޑުވާ ކަންތައް ފާހަގަކޮށް އެ ޖަމްއިއްޔާ އާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހުމަދު މަހުލޫފް އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާ ބައްދަލު ކުރުމަށް އެ ޕާޓީ އިން ނިންމާފައިވާ ކަމަށެވެ.

އަދާލަތު ޕާޓީ އިން ބައްދަލު ކުރަން ނިންމާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އެ ޕާޓީގެ ރައީސެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަކީ އެޕާޓީގެ ސްލޮޓެއްގައި ހުންނެވި ބޭފުޅެކެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އިދިކޮޅުންވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ އެމްޑީއެން އުވާލަން ޖެހޭ ކަމަށެވެ. އަދި އެ ޖަމްއިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ ބަޔަކު ވިއްޔާ ހައްޔަރު ކުރަންޖެހޭ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

އެ ރިޕޯޓާއި ގުޅިގެން ރޭ ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ. ފުލުހުންގެ ބަޔާނުގައި ބުނީ އެ ރިޕޯޓާ ގުޅޭ މައްސަލައެއް މި މަހުގެ ތިން ވަނަ ދުވަހު އާންމު ފަރާތަކުން ހުށަހެޅުުމުން އެ މައްސަލަ ބަލަން ނިންމާފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީއިންވެސް ހަމަ އެ މައްސަލަ އެ ދުވަހު ހުށަހަޅާފައިވާ ކަަމެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ފާޑުކިޔުމާއި އިސްލާމް ދީނުގެ އަސާސްތަކަށް ފާޑުކިޔައި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި، ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލާ މައްސަލަތަކެއް ކަމަށެވެ. އަދި އެމްޑީއެންގެ މައްސަލައިގައިވެސް ބަލަން ޖެހޭ ކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.