ޗެލްސީގެ އައިވަރީ ކޯސްޓް ފޯވާޑް ޑިޑިއާ ޑްރޮގްބާ އާއި ފްރާންސް ފޯވާޑް އަނެލްކާ ހޯދުމުގެ މަސައްކަތް އޭސީ މިލާނުން ފެށުމަށް ޗެލްސީގެ ކުރީގެ ކޯޗް ކާލޯ އެންޗޮލެޓީ ގޮވާލައިފި އެވެ.

އޭސީ މިލާންގެ އެންޓޯނިއޯ ކަސާނޯގެ ހިތުގެ އޮޕަރޭޝަނަށް ފަހު، އެކުލަބަށް ވަނީ އިތުރު ފޯވާޑެއްގެ ބޭނުން ޖެހިފަ އެވެ. މިއޮޕަރޭޝަނާއި ގުޅިގެން މިއަހަރުގެ އެއްވެސް މެޗެއްގައި ކަސޯނާ އަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.

ޗެލްސީ އަށް ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިނުމުގެ ހިއްސާއެއް އޮތް އެންޗޮލެޓީ އޭސީ މިލާނަށް ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވެ އެވެ. އެގޮތުން އޭސީ މިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމާއި އިޓަލީ ލީގު ކާމިޔާބު ކޮށްދިނުމުގައި އެންޗޮލެޓީ އެހީތެރިވެދީފައިވެ އެވެ.

"އޭސީ މިލާނުން ޑްރޮގްބާ އާއި އަނެލްކާ ހޯދަން މަސައްކަތް ކުރަން ޖެހޭ. އެކުޅުންތެރިން ނަކީ މޮޅެތި ކުޅުންތެރިން. މީގެ އިތުރުން އެ ދެކުޅުންތެރިންނަކީ ރަނގަޅު ފެންވަރެއްގެ ދެކުޅުންތެރިން. އެކުޅުންތެރިން ނަކީ މިލާނުގެ ކުޅުމަށް ރަގަޅަށް ހޭނޭނެ ކުޅުންތެރިން." އެންޗޮލެޓީ ބުންޏެވެ.

ޗެލްސީގައި ހަތް އަހަރު ހޭދަކޮށްފައިވާ ޑްރަގްބާގެ ކޮންޓްރެކްޓް މި ސީޒަން ނިމޭއިރަށް ހަމަވާނެ އެވެ. މާސޭލް އިން ޗެލްސީ އަށް ޑްރަގްބާ ބަދަލުވީ 24 މިލަޔަން ޕައުންޑަށެވެ.