10:00


މުބާރާތް ބާއްވާ ސައުތު އެފްރިކާގެ އެތައް ލައްކަ ސަޕޯޓަރުންނެއްގެ ކުރިމަތީގައި ހައިރާންކުރުވަނިވި 3-0 ގެ ނަތީޖާއާ އެކު ސައުތު އެފްރިކާ ބަލިކޮށް، އުރުގުއޭ ދެވަނަ ބުރަށް ދިއުމުގެ މަގު ތަނަވަސްކޮށްފި އެވެ.


ސައުތު އެފްރިކާ ކޮޅަށް އުރުގުއޭ ރޭ ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ ސްޕެނިޝް ލަލީގާގައި އެތްލެޑިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޑިއޭގޯ ޕޯލާން، ޕެނަލްޓީ އޭރިއާގެ ބޭރުން ނެގި ބާރު ހަމަލާއެއްގަ އެވެ. އުރުގުއޭގެ ލީޑް އިތުރަށް ފުޅާވެގެން ދިޔައީ ސުވޭޒްއަށް ދެކުނު އެފްރިކާގެ ޕެނަލްޓީއޭރިއާގެ ތެރެއިން އެޓީމުގެ ކީޕަރު ދިން ހަމަލާއެއްގެ ސަބަބުން ކީޕަރަށް ރަތްކާޑު ދައްކާ ދިން ޕެނަލްޓީއަކުންނެވެ. 89 ވަނަ މިނެޓްގައި ލިބުނު މި ޕެނަލްޓީ ދެކުނު އެފްރިކާގެ ގޯލަށް ވައްދާލާ މުބާރާތުގައި މިހާތަނަށް ދެ ލަނޑު ޖެހި ކުޅުންތެރިޔާ ކަމުގައި ޒުވާން ފޯވަޑް ޕޯލާން ވެގެންދިޔަ އެވެ. އުރުގުއޭގެ ތިން ވަނަ ލަނޑުޖަހާފައި ވަނީ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި އަލްވޭރޯ ޕެރޭރާ އެވެ.


މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވެސް ހަލުވި ފޯވަޑް ޑިއޭގޯ ޕޯލާން އެވެ.


ރޭގެ މެޗުގައި ދެކުނު އެފްރިކާގެ ގޯލްކީޕަރަށް ދެއްކި ރަތް ކާޑްގެ ސަބަބުން އެޓީމު މިހާރު ވަނީ މުބާރާތާ އަލްވަދާއު ކިޔާފައި ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެއީ މި މަހުގެ 22 ވަނަ ދުވަހު ފްރާންސާ ބައްދަލުކުރާ މެޗުގައި ދެކުނު އެފްރިކާގެ ފުރަތަމަ އެގާރައިގައި ހިމެނޭ ދެ ކުޅުންތެރިއަކަށް ނުކުޅެވުމުންމެވެ. ޚާއްސަކޮށް މި މުބާރާތުގައި ދެކުނު އެފްރިކާ ޓީމުން މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ކުޅެމުން އަންނަ ގޯލްކީޕަރަށް ނުކުޅެވުމަކީ ޓީމަށް ލިބުނު ބޮޑު ގެއްލުމެއްކަން ފާހަގަކުރެ އެވެ.


މިރޭ ގްރޫޕް އޭގައި ފްރާންސް އާއި މެކްސިކޯ ބައްދަލުކުރާ މެޗުން ފްރާންސް މޮޅުވެއްޖެ ނަމަ ދެކުނު އެފްރިކާއަށް ފްރާންސާއި ބައްދަލުކުރާ މެޗުން ހަމަ އެ ނަތީޖާ ނުވަތަ އެއަށްވުރެ ބޮޑު ނަތީޖާއަކުން މޮޅުވާންޖެހޭނެ އެވެ.


މި މުބާރާތުގައި އިއްޔެ ކުޅެވުނު ދެވަނަ މެޗްގައި ޔޫރަޕިއަން ޗެމްޕިއަން ޓީމު ކަމަށްވާ ސްޕެއިން އެކެއް ސުމަކުން ބަލިކޮށް ސްވިޒަލެންޑުން ވަނީ ބޮޑު ހައިރާން ކަމެއް ގެނުވާފަ އެވެ.


ގެލްސަން ފެނާންޑެސް 52 ވަނަ މިނިޓުގައި ޖެހި ލަނޑުން ސްވިޒަލެންޑު ކުރި ހޯދި ނަމަވެސް، އެންމެ ކުޑަމިނުން ހަމަހަމަ ކުރެވޭތޯ ސްޕެއިން ކުރި މަސައްކަތް ވަގުތު ހަމަވިއިރު ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.


މިމެޗުގައި ފެނިގެން ދިޔަ ހަތަރު ރީދޫ ކާޑު ވެސް ދައްކާފައި ވަނީ ސްވިޒަލެންޑް ޓީމަށެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޓީމު މޮޅުކޮށް ދިން ލަނޑު ޖަހައި ދިން ގެލްސަން ފެނާންޑެސް އަށެވެ.


މި ކާމިޔާބާއެކު ގްރޫޕު އެޗުގައި އިސްވިޒަލެންޑް އެއްވަނަ ހިއްސާކުރަނީ، ހޮންޑިއުރާސްގެ މައްޗަށް އެކެއް ސުމެއްގެ ކާމިޔާބެއް ހޯދި ޗިލީއާ އެއްހަމައެއްގައި އޮވެގެންނެވެ.


މިއަދު ވެސް ފީފާ ވޯލްޑް ކަޕްގެ 3 މެޗް ކުޅެވޭނެ އެވެ. ހަވީރު 4.30 ގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި ސައުތު ކޮރެޔާ އެވެ. މަލޭގަޑިން 7.00 ޖަހާއިރު ބައްދަލުކުރާނީ ގްރީސް ނައިޖީރިއާ އަދި މިއަދުގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ފްރާންސް މެކްސިކޯ އެވެ.