މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި އަތުލައިގަތް ފަސް މީހުންގެ ތެރެއިން ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ. އޭގެ ތެރޭގައި ފުލުހުން މީގެ ކުރިން ބުނި "ބޮޑު ޑީލަރު" ވެސް ހިމެނެއެވެ.

މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ހިންގި ފަސް ދުވަހުގެ އޮޕަރޭޝަންގައި ޖުލައި 30 ގައި ފަސް މީހުން ހައްޔަރުކުރީ، 9 ކިލޯގެ މަސްތުވާތަކެއްޗާއެކު އެވެ. އެ ފަސް މީހުންނަށް ވެސް ދައުވާ ކުރުމަށް ޕްރޮސިކުއުޓާ ޖެނެރަލް އޮފީހަށް މިދިޔަ ސެޕްޓެމްބަރު މަސް ތެރޭ ވަނީ ފޮނުވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން ތިން މީހަކު ބަންދާމެދު ގޮތެެއް ނިންމުމަށް މިދިޔަ އާދިއްތަ ދުވަހު ގެންދިޔުމުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކަނޑައަޅާ އެ ތިން މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި ކަމަށެވެ. އެނީހުން ކޯޓަށް

"ދައުލަތުން އެދިފައިވަނީ، ޝަރީއަތް ނިމެންދެން މި މީހުން ބަދުގައި ބަހައްޓައި ދިނުމަށް. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ މި މީހުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި، [އެ މައްސަލައިގައި ހައްޔަރު ކުރި] އަބްދުﷲ އިބްރާހިމް [ސ.ހިތަދޫ / ފިނިފަރު] ، އަހްމަދު ރައުފު [ހއ.ހޯރަފުށި/ ރަންމުލި] އަދި އަހްމަދު މަމްދޫހް[ހއ.ހޯރަފުށި / އާރޯ] އަށް ކްރިމިނަލް ކޯޓުން ޝަރުތުކޮށް ދޫކޮށްލާފައި،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައި ދޫކޮށްލި ތިން މީހުންގެ ތެރޭގައި ހިމެނޭ އަބްދުﷲ އިބްރާޙިމް އަކީ، ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި މައްސަލައިގައި އެ ތިން މީހުންގެ އިތުުރުން ދެން ހައްޔަރު ކުރި އަލީ ހަސަން ސ.ހިތަދޫ / ހުދުވެލި، އާއި މުހައްމަދު ފައިސަލް، ސ.ހިތަދޫ / ޕޫލްބަހާރު، އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ބަންދުގައި މިވަގުތު ހުރި، އަލީ ހަސަންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމުން އޭނާގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖެހި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަބްދުﷲ އިބްރާހިމްއާއި މުހައްމަދު ފައިސަލް އަދި އަލީ ހަސަންގެ މައްޗަށް ކޮށްފައި ވަނީ، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އަހްމަދު ރައޫފު އާއި އަހްމަދު މަމްދޫހުގެ މައްޗަށް ކުރަނީ، ކެނަބިސް ޓްރެފިކް ކުރުމަށް އެހީތެރިވުމުގެ ދައުވާ އެވެ.

ހައްޔަރު ކުރި ފަސް މީހުންނަކީ ވެސް ކުށުގެ ރެކޯޑު ގިނަ ފަސް މީހުން ކަން މީގެ ކުރިން ފުލުހުން އާންމު ކުރި މައުލޫމާތުތަކުން އެނގެއެވެ.