06 Oct 2019, 16:52
ކުރިން ރައީސްކަން ކޮށްފައިވާ މީހަކު، ފަހުން ދައުލަތުގެ އެހެން މަގާމެއް އަދާކުރާނަމަ، ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި، މަގާމުގެ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން ކޮންމެސް އެއް އިނާޔަތެއް އިހްތިޔާރު ކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭ ރައްކާތެރިކަމާ އިނާޔަޔްތަކާ ބެހޭ ގާނޫނަށް ސަރުކާރުން ވަނީ މިފަހުން އިސްލާހު ހުށަހަޅައިފަ އެވެ. އަދި އެ ބިލް މިހާރު އަންނަނީ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކުރަމުންނެވެ.
ބިލު ދިރާސާ ކުރަން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ރައީސްކަން ކޮށްފައިވާ މީހަކަށް ދެ އިނާޔަތް ނުލިބޭ ގޮތަށް ބިލަށް އިތުރު އިސްލާހެއް ގެންނަން ހުށަހެޅުއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އެވެ.
އިސްލާހު ހުށަހަޅުއްވަމުން އީސަ ވިދާޅުވީ ކުރިން ރައީސްކަން ކޮށްފައި ހުންނެވި ބޭފުޅަކު، ދައުލަތުގެ އެހެން މަގާމެއް އަދާކުރައްވާއިރު، ދެ އިނާޔަތް ލިބިގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ދެ އިނާޔަތުގެ ތެރެއިން ނަގަން ބޭނުންވާ އިނާޔަތެއް އިހްތިޔާރުކުރުމުގެ ފުރުސަތު ދޭން ހުށަހަޅާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންގެ އިނާޔަތް ދައުލަތުގެ އެހެން މަގާމެއް އަދާކުރައްވާ ކަމުގައިވާނަމަ، އެ މަގާމުން އިނާޔަތް ކަނޑައެޅިފައި އޮތް ހާލަތުގައި، ދެ މަގާމުން އިނާޔަތެއް ނުލިބޭނޭ، ކޮންމެސް އެއް މަގާމަކުންނޭ އިނާޔަތް ލިބޭނީ. އެބޭފުޅާ ޗޫޒްކުރަން އިހްތިޔާރު ދޭންވީ ކޮން މަގާމަކުންތޯ އިނާޔަތް ނަންގަވާނީ. ޑަބަލްކޮށް އިނާޔަތް ލިބިގެން ނުވާނެ،" އީސަ ވިދާޅުވި އެވެ.
ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން، މިހާރު ދައުލަތުގެ މަގާމެއްގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ.
ކުރީގެ ރައީސްގެ އިނާޔަތް
މާލީ އިނާޔަތް: 75،000 ރުފިޔާ
- އެކޮމޮޑޭޝަން: 10،000
- އޮފީސް ހިންގުމަށް: 87،000
ރައީސް މުހައްމަދު ނަޝީދު 19 ވަނަ މަޖިލީހުގެ ރައީސަށް ވެވަޑައިގަތުމާއެކު އެމަނިކުފާނަށް މަޖިލީހުގެ ރައީސްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 73،125 ރުފިޔާ ލިބިލައްވާނެ އެވެ.
އެހެން ކަމުން ދައުލަތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ކޮންމެ މަހަކު ވެސް ދޭން ޖެހޭ މުސާރައާއި އެލަވަންސްތަކުގެ ޖުމްލަ 245،125 ރުފިޔާއަށް އަރަ އެވެ.
ނަމަވެސް ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ދެއްވާ މާލީ އިނާޔަތްތަކުގެ ތެރެއިން، ކުރީގެ ރައީސްއަށް ދޭ މާލީ އިނާޔަތްތައް ކަމަށްވާ، 75،000 ރުފިޔާއާއި އެކޮމޮޑޭޝަން އިނާޔަތުގެ 10،000 ރުފިޔާ ނުނަންގަވަން ނިންމަވައިފައެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ، ރައީސް ނަޝީދު އެ އިނާޔަތް ދޫކޮށްލެއްވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވަޑައިގަންނަވާ ބޭފުޅުން އެގޮތަށް ކަންތައް ކުރައްވާނެ ކަމަށް އުންމީދުކޮށް ގާނޫނު އެގޮތަށް ބާއްވަން ނުވާނެ ކަމަށެވެ.
"މިހާރު އެބަ އޮތް ދެކޮޅުން ވެސް ނަގަން. އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ. ރައީސް ނަޝީދު އަމިއްލަފުޅަށް ދޫކޮށްލެއްވީ އޭ. އެކަމަކު ދެން އަންނަ ހުރިހާ އެންމެން އެގޮތަށް ކަންތައް ކުރައްވާނެ ކަމަށް އުންމީދުކޮށްގެން ގާނޫނު އެގޮތަށް ބާއްވާކަން ނުވާނެ،" އީސަ ވިދާޅުވި އެވެ.
އީސަގެ ހުށަހެޅުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ތާއީދުކުރައްވައިފަ އެވެ. ސައީދު ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ފަހުން އެހެން މަގާމަކަށް ވަޑައިގަތުން އެއީ ވެދާނެކަމެއް ކަމަށާއި އެބޭފުޅެއްގެ ރައްކާތެރިކަމާ އަދި ރާއްޖޭގެ ޖުމްލަ އާމްދަނީއަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކަށް ވާނީ ކޮންމެސް އެއް އިނާޔަތެއް ދިނުން ކަމަށެވެ.
"ދެ އިނާޔަތް ލިބުމަކީ ހަރަދު ބޮޑުވެގެންދާ ކަމެއް. އެހެންވީމަ އީސަގެ ހުށަހެޅުމަށް ތާއީދު މިކުރީ އެސަބަބަށްޓަކައި،" މެމްބަރު ސައީދު އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ދެ މަގާމުގެ ހައިސިއްޔަތުންވެސް ސެކިއުރިޓީ އާއި ލިވިން އެލަވެންސް ނަގަން ބޭނުން ނަމަ ނެގޭނެ ކަމަށެވެ.
"އެހެންވީމަ ދެތަނުން ލިވިން އެލަވަންސް ނެންގެވުން އެއީ ރަނގަޅު ގޮތެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. ރައީސް ނަޝީދު މިހާރު ނުނަންގަވާ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ވަޑައިގަންނަވާ ބޭފުޅަކު ނުނަންގަވާނެއެކޭ ބުނާކަށް ނޭނގެ. އެހެންވީމަ ގާނޫނު އިސްލާހު ކުރާ އިރު އެ އިސްލާހު ގެނައުން މުހިންމު،" އުޝާމް ވިދާޅުވި އެވެ.
އީސަގެ ހުށަހެޅުމަށް ތާއީދު ނުކުރައްވައި ވާހަކަދެއްކެވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ގައްސާން މައުމޫން އެވެ.
ހަސަން އަހްމަދު ވިދާޅުވީ ކުރީގެ ރައީސަކު އަނެއްކާވެސް ރައްޔިތުންގެ ވޯޓުން މަޖިލީހަށް އިންތިހާބުވެ، މަޖިލީހުގެ ރައީސްގެ މަގާމަށް އައްޔަންވަނީ އެމީހެއްގެ ގާބިލް ކަމުން ކަމަށެވެ. އަދި އެއީ ތަފާތު ދެ މަގާމަކުން ލިބޭ އިނާޔަތަށް ވާއިރު އެއްވެސް އިނާޔަތެއް އުނިކުރަން ނުޖެހޭ ކަމަށެވެ.
ގައްސާން ވިދާޅުވީ ރައީސްކަން ކުރައްވަނީ ރާއްޖޭގެ އާބާދީގެ ނިސްބަމުން ވަރަށް މަދު ބަޔަކަށް ވާއިރު، ރާއްޖޭގެ ޝަރަފާއި ކަރާމާތާއި ހައިބަތު ރަމްޒުކޮށްދޭން ދޭ ފައިސާގެ އަދަދަކީ އެހާ ބޮޑު އަދަދެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މި ބޭފުޅުންނަށް ހަރަދު ވާނީ ކިހާވަރެއްތޯ ގާތްގަނޑަކަށް. އަނެއްކާ ދުނިޔޭގަ މި ތިއްބެވީ ވެސް ދެތިން ބޭފުޅުން. އެހެންވީމަ ހަމަ އަބަދުވެސް ވާނީ އެހެންދެއްތޯ ދުނިޔެ މި ހިނގާ އުސޫލުން ހިނގަންޏާ. އަޅުގަނޑަކަށް ހިއެއް ނުވެ މާބޮޑު ހަރަދެއް ހިނގައިގެން، އެކަމާ ހައިރާން ވެގެން މަޝްވަރާ ކުރަން ޖެހޭ ކަމެއް ހެނެއް،" ގައްސާން ވިދާޅުވިއެވެ.
ގައްސާން ވަނީ އެ ބަދަލު ގެނެސްފިނަމަ، އަނެއްކާވެސް ވަކި މީހަކަށް އަމާޒުކޮށްގެން ގާނޫނަށް ބަދަލުގެންނަ ކަމަށް ސިފަކުރެވޭ ކަމަށެވެ.
މެމްބަރު ހަސަން އަހްމަދު ވިދާޅުވީ ވަކި ވަކި އިނާޔަތްތަކެއް ދިނުމުގެ ބަދަލުގައި، ރައީސްކަން ކުރެއްވީތީ ލިބޭ ވަކި މިންވަރެއް ކަނޑައަޅައި އެ އަދަދެއް ދިނުމުން މައްސަލަ ނެތް ކަމަށެވެ.
ދެ މެމްބަރުންގެ ވާހަކައާ ގުޅިގެން އީސަ ވިދާޅުވީ ކޮންމެސް އެއް އިނާޔަތެއް ނެގޭ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހެޅީ އެއީ ދައުލަތުގެ ބަޖެޓުން ހަރަދުކުރަން ޖެހޭ ފައިސާއަށް ވާތީ ކަމަށެވެ.
އަދި ރާއްޖޭގެ މިއަދުގެ ސިޔާސީ އާބާދީ ވަރަށް ހަގު ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރައީސްކަން ކޮށް، ދައުލަތުގެ އިތުރު މަގާމެއް ފުރާނީ ކިތައް މީހުންކަން ބުނަން ނޭނގޭނެ ކަމަށެވެ.
"ރާއްޖޭގެ ބަޖެޓުން އޭނާއަށް ޑަބަލް ހަރަދު ކުރެވޭ ކަމަށް ފެންނާތީ އެވާހަކަމި ދަންނަވަނީ. އެއްގޮތަކަށް ވެސް ވަކި މީހަކަށް އަމާޒުކޮށްގެން ދައްކާ ވާހަކައެއް ނޫން މިއީ،" އީސަ ވިދާޅުވި އެވެ.
އީސަ ވިދާޅުވީ ރައީސްކަން ކޮށްފައިވާ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ހުކުމް ތަންފީޒުކޮށްގެން އައިސް، އިނާޔަތްތައް އަލުން އަނބުރާ ލިބެން ފަށާއިރު، އިޖުތިމާއީ މަސައްކަތެއް ކުރުމަށް ދޭ އަދަދާއި އޮފީސް ހަރަދު އުނި ކުރަން ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް ލިވިން އެލަވަންސް އާއި ސެކިއުރިޓީ ކަނޑާލައިގެން ނުވާނެ ކަމަށެވެ.
އެއީ ރައީސްކަން ކޮށްފައިވާ މީހަކީ ދައުލަތުގެ ވަރަށް ގިނަ ސިއްރުތައް އެނގޭ މީހަކަށް ވާއިރު، އެބޭފުޅެއްގެ ސަލާމަތާ ރައްކާތެރިކަމާ ގުޅިފައި ހުންނަ ކަންކަމަކީ ރާއްޖޭގެ ގައުމީ ސަލާމަތާ ވެސް ގުޅިފައި ހުންނަ ކަންކަން ކަމަށެވެ.
މެމްބަރުންގެ ހިޔާލު ތަފާތުވުމުން އެ ހުށަހެޅުމަށް މިއަދު ވޯޓަށް އަހާފައެއް ނުވެ އެވެ. ބައްދަލުވުން ނިންމާލީ މެމްބަރުންގެ ހިޔާލު އެއްގޮތް ކުރުމަށް އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް އިއުލާނުކުރުމަށްފަހު އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާބެހޭ ގާނޫނަށް މިހާރު ހުށައަޅާފައިވާ އިސްލާހަކީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރައީސްކަން ކޮށްފައިވާ މީހަކު، އެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާނަމަ، އޭނާ އާއި އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާހުކުރުމެވެ.