15 Nov 2011, 15:53
ތައިލޭންޑްގެ ބޯޓެއް ކަމަށްވާ "އެމެރަލްޑް ރީފާ" އައްޑު އަތޮޅު ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ ފަރަށް އަރައިފި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓަކީ މަސް ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ.
އެންވާރްމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ 2989 ޓަނުގެ އެ ބޯޓު ފަރަށް އަރަން މެދުވެރިވި ސަބަބު އަދި ސާފުވެފައިނުވާ ކަމަށާއި އެމްއެންޑީއެފް އިން އެ ބޯޓު ފުން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެބޯޓު ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ވިދާޅުވަން ނޭނގޭ ކަމަށާއި އޭޕީއޭ އިން އެކަންތައް މިހާރު ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތައިލޭންޑްގައި އެ ބޯޓު ރަޖިސްޓްރީ ކޮށްފައި ވަނީ. ބޯޓަކީ 2989 ޓަނުގެ ބޯޓެއް. އަޅުގަނޑުމެންނަށް އަދި ނޭނގެ ބުނަން ބޯޓު ފަރަށް އަރަން މެދުވެރިވި ސަބަބެއް އަދި ލިބުނެ ގެއްލުމެއް ވެސް. އޭޕީއޭ އިން މިހާރު އެކަންތައް ބަލަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.
ބޯޓު ފަރަށް އެރި މައްސަލައާ ބެހޭ ގޮތުން އެމެރަލަޑް ރީފްގެ އޭޖެންޓެއްގެ ބަހެއް ހޯދަން ގުޅުމުން ބޯޓު ފަރަށް އަރާފައިވާ ކަމަށާއި މިވަގުތު އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ބުނެ ބޯޓުގެ އޭޖެންޓް ފޯން ކަނޑާލި އެވެ.
އަދި އެ މައްސަލައާ ގުޅޭ ގޮތުން އެމްއެންޑީއެފުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: