ބަޣުދާދު (އޮކްޓޯބަރު 6): އިރާގުގައި މީގެ ހަ ދުވަސް ކުރިން ފެށުނު ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 99އަކަށް އަރައިފި އެވެ.

އިރާގު ޕާލިމެންޓުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހު ފެށުނު އެ މުޒާހަރާތަކުގައި މިހާތަނަށް 99 މީހަކު މަރުވެ، 4،000 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

އެއީ 2017 ވަނަ އަހަރު އެގައުމުގައި އައިއެސް ބަލި ކުރި ފަހުން، އެސަރަހައްދުގައި ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކެވެ.

އެމުޒާހަރާތައް ކޮންޓްރޯލް ކުރުމަށް މިދިޔަ ބުދަ ދުވަހު އިރާގުގެ ބައެއް ސަރަހައްދުތަކުގައި ކާފިއު އިއުލާން ކުރި ނަމަވެސް މުޒާހަރާތައް ހުއްޓުވިފައި ނުވެ އެވެ. އަދި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ބަޑި ޖަހާފަ އެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު އިރާގުގައި ވަނީ އިންޓަނެޓު ބޭނުން ނުކުރެވޭ ގޮތް ހަދާފަ އެވެ.

އެމުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު އާދިލް އަބްދުލް މަހުދީ ވަނީ މުޒާހަރާ ކުރާ މީހުންގެ ކަންބޮޑުވުންތައް އަޑު އިވިފައިވާ ކަމަށާއި ނަމަވެސް އިރާގުގެ މައްސަލަތަކަށް ވަގުތުން ހައްލު ކުރެވޭ ފަދަ، "ޖާދޫގެ ހައްލެއް" ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމުގެ ސަލާމަތީ ފައުޖުތަކުން މުޒާހަރާތައް ރޫޅަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ.

އިރާގުގައި އެ މުޒާހަރާތައް ފެށުނީ ފެނާއި ކަރަންޓުގެ ހިދުމަތުގެ ފެންވަރު ދަށްވުމާއި ވަޒީފާގެ ފުރުސަތުތައް މަދުވުމާއި ކޮރަޕްޝަނާ ދެކޮޅަށް ނުރުހުން ފާޅު ކުރުމުގެ ގޮތުންނެވެ.

މުޅި ދުނިޔެއިންވެސް ހަތަރުވަނައަށް އެންމެ ގިނައިން ތެޔޮ ރިޒާވްކޮށްފައިވާ ގައުމަކީ އިރާގު ކަމަށްވީ ނަމަވެސް އެގައުމުގެ އާބާދީގެ 60 ޕަސެންޓު ދިރިއުޅެނީ ދުވާލަކު ހަ ޑޮލަރު ނުވަތަ އެއަށް ވުރެ މަދުން ހަރަދުކޮށްގެންނެވެ. އަދި ވޯލްޑް ބޭންކުން ބުނާ ގޮތުގައި އިރާގުގެ ޒުވާނުންގެ ތެރެއިން ވަޒީފާއެއް ނެތް ފިރިހެނުންގެ އަދަދު 17 ޕަސެންޓަށް އަރާ އިރު ވަޒީފާ ނުލިބޭ އަންހެނުންގެ އަދަދު 27 ޕަސެންޓަށް އަރަ އެވެ.