އަމިއްލަ ފަރާތަކުން، ކެލާއިން ރުއްގަސް ނަގައިގެން ގެންދަނިކޮށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެކަން ހުއްޓުވައިފިއެވެ.

ހިއްކައިގެން ހަދަމުންދާ ރިސޯޓުތައް ފެހި ކުރަން ރަށްރަށުން ރުއްގަސް ނަގައިގެން ގެންދިޔުމަކީ ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ މައްސަަލައެކެވެ. ރުއްގަސް ނަގާ ކުންފިނިތަކުން ބުނަނީ އެކަން ކުރަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ. އަދި ނަގަނީ މަޝްރޫއުތަކަށް ބިން ސާފު ކުރާ އިރު އުފުރާލަން ޖެހޭ ރުއްގަސް ކަމަށެވެ.

ހއ. ބާރަށް، އެ އަތޮޅު ކެލާ އަދި ށ. ފޯކައިދޫއިން ރުއްގަސް ނަގަމުންދާ ކަމުގެ މައުލޫމާތު މިހާރު ވަނީ ފެންމަތިވެފައެވެ. އެކަމާ ދެކޮޅަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ މީހުން ދަނީ މީސް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

މިއަދު އެންވަޔަރެމެންޓް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަލީ ނަސީރު ވިދާޅުވީ، ރުއްގަސް ނަގަނީ ގާނޫނީ އިމުގެ ތެރެއިންތޯ މިނިސްޓްރީއާއި އީޕީއޭއިން ކަށަވަރު ކުރާ ކަމަށެވެ.

މިހާރު ރުއްގަސް ނަގަމުންދާ ތަންތަނަށް ބަލާއިރު، ކެލާގައި ރުއްގަސް ނެގުމުގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެގެން އެކަން އީޕީއޭއިން އެކަން ހުއްޓުވާފައިވާ ކަމަށް ޑރ. ނަސީރު ވިދާޅުވިއެވެ.

"ދެން އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންތައްތައް އަޅުގަނޑުމެން މިދަނީ ކުރަމުން،" ޑރ. ނަސީރު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށެއްގައި ރުއްގަސް އުފުރާފައި --

އޭނާ ވިދާޅުވި ގޮތުގައި ބާރަށުން ނަގަމުން ދަނީ ސިވެރޭޖް ޕްރޮޖެކްޓަކަށް ސާފު ކުރަމުންދާ ބިމުގައި ހުރި ރުއްތަކެކެވެ. އީއައިއޭ ހެދުމަށް ފަހު އެ ސަރަހައްދުން 600އަށް ވުރެ ގިނަ ރުއްގަސް ނެގުމުގެ ހުއްދަ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފޯކައިދޫ ކައުންސިލުން ބުނީ އެ ރަށުގައި ރުއްގަސް ނަގަމުން ދަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ. އެ ރަށުން ރުއްގަސް ނަގަނީ އިންޖީނުގެ އެޅުމަށާއި، ކޮމިއުނިޓީ ސެންޓަރަކާއި މަގެއް ހެދުމަށް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަސީރު ވިދާޅުވީ، ރުއްގަސް ނަގައިގެން ގެންދިޔުމަށް ފަހު ދެން ރުކަށް ވާ ގޮތް ބަލަން އުނދަގޫ ކަމަށެވެ.

އަދި އެއްތަނު އަނެއް ތަނަށް ރުއްގަސް ގެންދާ ކަމުގެ ރިޕޯޓު ލިބިއްޖެ ނަމަ އެކަމެއް ނުބަލައި ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ޑރ. ނަސީރު ދެއްވިއެވެ.

"އަޅުގަނޑުމެން ހުއްދަދޭ ރަށްތަކުގައި އެންމެ މަދުވެގެން ނެގޭ ރުއްތަކުގެ 20 އިންސައްތަ އިންދަން ޖެހޭނެ،" ޑރ. ނަސީރު ވިދާޅުވިއެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވީ، ނަގާ ކޮންމެ ރުކަކަށް އިންދަން ޖެހޭ ރުއްގަސް އިންދާތޯ އީޕީއޭއިން ބަލާ ކަަމަށެވެ. އެގޮތުން، ރުއްގަސް ނަގަން އީޕީއޭއިން ހުއްދަ ދިން ތިން ރަށެއްގައި، ނެގި ކޮންމެ ރުކަކަށް ދެ ރުއް އިންދައި، އެކަމުގެ ހެކި އީޕީއޭއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންވެސް މިދަނީ އަޅުގަނޑުމެންގެ ފަރާތުން ކުރަން ޖެހޭ ކަންތައްތައް ކުރަމުން. އަޅުގަނޑުމެން ހުއްދަދޭ އިތުރު ރަށްތަކުގައިވެސް އަޅުގަނޑުމެން ދޭ ހުއްދައާ އެއްގޮތަށް ރުއްތައް އިންދާތޯ، ނަގާ ކޮންމެ ރުކަކަށް ދެ ރުއް އިންދާތޯ އަޅުގަނޑުމެން ދާނީ ބަލަމުން މޮނިޓާ ކުރަމުން،" ޑރ. އިބްރާހިމް ވިދާޅުވިއެވެ.