06 Oct 2019, 17:01
ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ތްރީ ޖެނެރޭޝަން ވޯކް" ގެ ނަމުގައި ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ހިނގާލުމެއް ބޭއްވުމަށް ނިންމައިފި އެވެ.
މި މަހުގެ 18 ވާ ހުކުރު ދުވަހު ހަވީރު 4.00 އިން 6.00 އަށް ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ މި ހިނގާލުމުގެ އެސޯސިއޭޓް ޕާޓްނަރުގެ ގޮތުގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ޕެންޝަން އޮފީހާއެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުޑަކުދީންނާއި މައިންބައިފައިން އަދި މާމާ/ކާފައިން ހިމެނޭ ގޮތަށް އާއިލާތަކުގެ 3 ޖީލު ބައިވެރިވާ ގޮތަށް ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ.
ޕެންޝަން އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ހުސައިން މަނިކު އަދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރު މައުރޫފް އަހްމަދެވެ.
މި ހިނގާލުމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައިނެގޭ ގުރުވަތުން ހޯވޭ ނަސީބުވެރި ތިން ފަރާތަކަށް ދެ ހާސް (2،000) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ތިން ޖީލަށް ވުރެ ގިނަ ޖީލުތައް ހިމެނޭ ގޮތަށް ބައިވެރިވާ އާއިލާތަކުގެ މެދުގައި ނެގޭ ގުރުވަތުން ހޮވޭ އާއިލާ އަކަށް ތިން ހާސް (3,000) ރުފިޔާ އަދި ހިނގާލުމުގައި ބައިވެރިވާ އާއިލާތަކުގެ ތެރެއިން އެންމެ ދޮށީ މީހަކު ހިމެނޭ އާއިލާ އަކަށް ތިން ޖާސް (3,000) ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި ހިނގާލުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ވެބްސައިޓުން ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ. ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން ބޭނުން ކުރަން ޖެހޭ ހާއްސަ ވެބްސައިޓަކީ https://3genwalk.pension.gov.mv/ އެވެ.
އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް ބައިވެރިވާ ގޮތަށް ބޭއްވުމަށް ހަމަޖެހިފައިވާ މިހިނގާލުމުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮކަމާއި އުފާވެރިކަންމަތީ އުޅުމަށް ކުރެވެން ހުރިކަންކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އުމުރުން ދުވަސްވީ މީހުން މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމާއި، އެކަމުގެ މުހިންމުކަން ކުޑަކުދިންނާއި ޒުވާނުންނަށް އަންގައިދިނުމާއި، އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ.