ރިޔާޒު (އޮކްޓޯބަރު 6): ކައިވެނި ނުކުރާ ބޭރު ގައުމުތަކުގެ ލޯބިވެރިންނަށް މިހާރު ސައުދީ އަރަބިއާގެ ހޮޓެލްތަކުގައި އެއްކޮށް ތިބެވޭނެ ކަމަށް އެގައުމުގެ ފަތުރުވެރިކަމާ ބެހޭ ކޮމިޝަނުން ބުނެފި އެވެ.

މީގެ ކުރިން ސައުދީ ހޮޓެލްތަކުން ކޮޓަރިއެއް ކުއްޔަށް ހިފާ ނަމަ ކައިވެނިކޮށްފައިވާކަން ނުވަތަ އާއިލާގެ މެމްބަރެއްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ދައްކަން ޖެހޭނެ އެވެ.

"ސައުދީގެ ހުރިހާ ރައްޔިތުންވެސް [ކޮޓަރިއެއް ހިފާނަމަ] ދެމީހުންގެ މެދުގައި އޮތް ގުޅުމުގެ ހެކި ދައްކަން ޖެހޭނެ. ނަމަވެސް ބޭރު ގައުމުތަކުގެ ފަތުރުވެރިން އެފަދައިން އަމަލު ކުރާކަށް ނުޖެހޭނެ،" ފަތުރުވެރިކަމާ ބެހޭ ކޮމިޝަންގެ ބަޔާނެއްގައިވެ އެވެ.

އަދި މިހާރު ސައުދީގެ އަންހެނުންނާއި ބޭރުގެ އަންހެނުންނަށްވެސް އެކަނި ހޮޓެލްތަކުގައި ތިބެވޭނެ ކަމަށާއި ބޭރުން އަންނަ އަންހެން ފަތުރުވެރިން އަބާޔާ ލާން ނުޖެހޭނެ ކަމަށް އެބަޔާނުގައިވެ އެވެ.

ސައުދީން ފުރަތަމަ ފަހަރަށް ބޭރުގެ ފަތުރުވެރިންނަށް އެގައުމު ހުޅުވާލީ މިދިޔަ މަހުގަ އެވެ. އެގޮތުން 49 ގައުމަކަށް ވަނީ އާ ޓުއަރިސްޓު ވިސާ ނިޒާމެއް ތައާރަފްކޮށްފަ އެވެ.

ސައުދީން އެބަދަލުތައް ގެންނަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ތަސައްވަރުގެ ދަށުން އެގައުމު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެގައުމުގައި ފަތުރުވެރިކަން ފަދަ ދާއިރާތައް ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ގޮތުންނެވެ.