15 Nov 2011, 14:28
އިމަޖެންސީގައި ފަރުވާ ހޯދަން އައިޖީއެމްއެޗަށް ދާ ބަލިމީހުންނަށް ފަރުވާ ދިނުމަށް "ޓްރައޭޖް" ގެ ނަމުގައި އާ ނިޒާމެއް އެ ހޮސްޕިޓަލުން ގާއިމްކޮށްފި އެވެ. އެ ނިޒާމުގެ ދަށުން ފަރުވާދޭން ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
އައިޖީއެމްއެޗުގެ ޑރ. ރަޒާނާ ފާއިޒު މިއަދު ވިދާޅުވީ އެ ހޮސްޕިޓަލުގައި އަލަށް ގާއިމް ކުރި ޓްރައޭޖް ސިސްޓަމަކީ އިމަޖެންސީ ޑިޕާޓްމަންޓަށްދާ ބަލިމީހުން، އެ މީހަކަށް ފަރުވާ ބޭނުންވާ މިންގަނޑު ބަލައި އަވަސް ފަރުވާ ބޭނުންވާ މީހުންނަށް ވީ އެންމެ އެންމެ އަވަހަކަށް ފަރުވާ ދިނުމަށް ގާއިމް ކުރި ނިޒާމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މި ނިޒާމުގެ ދަށުން އިމަޖެންސީ ފަރުވާ ހޯދަމަށް އަންނަ ބަލިމީހުންގެ ބަލީގެ ހާލަތު ބެލުމަށް، [އިމަޖަންސީ ލޮބީގެ ތެރޭގައި ގާއިމް ކުރެވިފައިވާ] ޓްރައޭޖް އޭރިއާގައި ޑޮކްޓަރުން ބައްލަވާނެ. އެގޮތުގެ މަތިން ކުޑައިރުކޮޅަކަށް މަޑު ކުރެވޭ ހާލަތުގައި ތިބޭ ބަލި މީހުންނާއި ވަގުތުން ފަރުވާ ބޭނުންވާ ބަލިމީހުން ބަލައި، ވަގުތުން ފަރުވާ ބޭނުންވާ ފަރާތްތަކަށް އިސްކަންދެވޭނެ،" ޑރ. ރަޒާނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުގެ އަމާޒަކީ އިމަޖެންސީ ޑިޕާޓްމަންޓަށް ދައްކަން ދާ ކޮންމެ ބަލިމީހަކަށް ވެސް ގިނަ ވެގެން 60 މިނެޓް ތެރޭގައި ފަރުވާ ދިނުން ކަމަށެވެ. ނަމަވެސް އެއްމެ ބާރުބޮޑުވާ ގަޑިތަކުގައި އެއަށްވުރެ ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.