ރާއްޖޭގައި ޖިނާއީ ކުށްތަކެއް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވުނު ދެ ބިދޭސީންގެ މައްސަލަ ތަހުގީގު ނުކޮށް، އެދެމީހުން ޑީޕޯޓް ކޮށްލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އިމިގްރޭޝަން ހާޒިރުކުރަން ނިންމައިފި އެވެ.

މިއަދު ކުރިއަށް ދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި، އިމިގްރޭޝަން ހާޒިރުކޮށް އެކަން ހިނގައިދިޔަ ގޮތް ސާފުކުރަން ހުށަހެޅީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.

އެ މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެނައީވެސް އުޝާމް އެވެ.

މިއަދު ކޮމިޓީގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާ ހިލާފު ބޮޑެތި ކުށްތަކެއް ކުރަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު، ޖިނާއީ ތަހުގީގެއް ނުކޮށް ރާއްޖެއިން ފޮނުވާލުމަކީ މަޖިލީހުން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

"އަޅުގަނޑު އެދެން މައްސަލައި އިމިގްރޭޝަން އަދި ޕޮލިސް ހާޒިރުކުރާ ކަމަށް ވާނަމަ ނުވަތަ ސިޓީއަކުން އެދިގެން ނަމަވެސް އެކަން ހިނގާފައި އޮތް ގޮތެއް ބަލާފައި އެއްވެސް ކަހަލަ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށް ވާނަމަ، އެ ފިޔަވަޅެއް އެޅުމަށް،" އުޝާމް ވިދާޅުވިއެވެ.

އުޝާމްގެ ހުށަހެޅުމަށް ތާއީދުކުރައްވައި، ކޮމިޓީގެ ނައިބު މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ވިދާޅުވީ އެއީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ކަމަށާއި، އެފަދަ މައްސަލައެއްގައި ތަހުގީގެއް ނުކޮށް އިމިގްރޭޝަނުން އެމީހުން ޑީޕޯޓު ކުރި ސަބަބު އެނގެން ޖެހޭ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ވެސް އެ މައްސަލަ ބެލުން މުހިންމުކަން އީސަ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން -- ފޮޓޯ: މަޖިލިސް

"އެއީ ގައުމީ ސަލާމަތާ ވަރަށް ބޮޑަށް ގުޅުންހުރި މައްސަލައެއްގައި ތަހުގީގު ކުރުމެއްނެތި އޭނަ ޑީޕޯޓް އިމިގްރޭޝަނުން ކުރީ ކީއްވެތޯ އަޅުގަނޑުމެން ބަލަންޖެހޭ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭ އެއްވެސް މީހަކު އެއްވެސް އިދާރާއަކުން މައްސަލަ ތަހުގީގު ކުރަންޖެހޭ ފަރާތާ ހަވާލު ކުރުމެއް ނެތި ރާއްޖެއިން ބޭރަށް ފޮނުވާލެވިގެން ވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމަ ކުރިއަށް އޮތްތަނުގައި އެކަހަލަ ކަމެއް ހިނގިޔަ ނުދިނުމަށް ވެސް އަޅުގަނޑުމެން ބަލަންޖެހޭ މައްސަލައެއް އެއީ،" އީސަ ވިދާޅުވިއެވެ.

މެމްބަރުންގެ ވާހަކައަށް ފަހު ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ އެކަން ހިނގައި ދިޔަ ގޮތް ސާފުކުރަން ސިޓީއަކުން އެންގުމަށްފަހު ހާޒިރު ކުރަން ފެންނަ ނަމަ ހާޒިރުކުރާނީ ކަމަށެވެ.

ނަމަވެސް އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވީ ސިޓީއެއް ފޮނުވައިގެން އިތުރު ވަގުތު ތަކެއް ބޭކާރު ކުރުމުގެ ބަދަލުގައި، ކޮމިޓީއަށް ހާޒިރުވާން އަންގައި އިމްގްރޭޝަނަށް ފޮނުވާ ސިޓީގައި، ކޮމިޓީއަށް އަންނައިރު މައްސަލައާ ގުޅޭ ހުރިހާ މައުލޫމާތެއް ހިފައިގެން އައުމަށް އަންގަން ހުށަހަޅާ ކަމަށެވެ.

ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން އެގޮތަށް މިއަދު ވަނީ ފާސްކޮށްފަ އެވެ.

ރާއްޖެއިން ޑީޕޯޓް ކޮށްފައި ވަނީ ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓުކޮށް އަދި ހުއްދަނެތި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން ދިޔަ ބިދޭސީ މީހަކާއި މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ ބިދޭސީއެކެވެ. ޑިޕޯޓް ކޮށްލީ ބަންގްލަދޭޝްގެ ދެމީހުންނެވެ.