މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓުގައި ނުރަނގަޅު ކަންކަން ހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެސީ ނެޓްވޯކުން ނެރުނު އެ ރިޕޯޓުގައި ދީނާ ހިލާފު އަދި މާތްﷲ އާއި އެކަލާންގެ ރަސޫލާއަށް ހަޖޫ ޖަހާ ބަސްތައް ބޭނުންކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާ އުފާލަން ގޮވާލަމުންނެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ބައެއް ސިޔާސީ މީހުންވެސް ހިމެނެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރެސީ ނެޓްވޯކުން ނެރުނު ރިޕޯޓުގައި ނުރަނގަޅު ކަންކަން ހުރި ކަމަށެވެ. އެއިން އެއް ކަމަކީ މާތްﷲ އާއި ކީރިތި ރަސޫލާއާ ބެހޭގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެވިފައިވުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސް ކުރައްވާ ނުކުތާތަކެއް ކަމަށެވެ. އަދި އެފަދަ ކަން ކަމަށް އާންމު މީހުން ވާހަކަ ދެއްކުން ރަނގަޅު ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މާތްﷲ އާއި އެކަލާންގެ ރަސޫލާއަށް ނިސްބަތްވާގޮތަށް އެމްޑީއެންގެ ރިޕޯޓުގައި ދައްކާފައި ހުރި ވާހަކަތަކުގެ މައްސަލަ އިސްލާމިކް މިނިސްޓްރީއިން ވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅާފަ އެވެ. އަދި އެމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ފާޑުކިޔުމާއި އިސްލާމް ދީނުގެ އަސާސްތަކަށް ފާޑުކިޔައި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި، ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލާ މައްސަލަތަކެއް ކަމަށެވެ. އަދި އެމްޑީއެންގެ މައްސަލައިގައިވެސް ބަލަން ޖެހޭ ކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ޑިމޮކްރެސީ ނެޓްވޯކްގެ އެ ރިޕޯޓަކީ 2016 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓުގެ މައްސަލަ އޭރުގެ ސަރުކާރުން ނުބެލީ ކީއްވެތީ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.