ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގެ މެޗުތައް ފޯރިއާ އެކު ކުރިއަށްދާ އިރު ރ. އިނގުރައިދޫ އާއި ލ. ގަމުން ފައިނަލް ބުރު ނުވަތަ ގަދަ 16 ގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ވާދަވެރި މެޗުތަކަކަށް ފަހު އަތޮޅު ބުރު ނިންމާ، މުބާރާތުގެ ޒޯން ބުރުގެ ކުޅުން މިހާރު ކުރިއަށްދާ އިރު އިރު އެންމެ ފުރަތަމަ ފައިނަލް ބުރުގެ ޖާގަ ހޯދި ދެ ޓީމަކީ އިނގުރައިދޫ އާއި ގަމެވެ. އިނގުރައިދޫ ފައިނަލް ބުރުގެ ޖާގައެއް ކަށަވަރު ކުރީ ޒޯން ދޭއްގެ ޓީމުތަކާއި ކުޅުނު ދެ މެޗުން ހޯދި ހަތަރު ޕޮއިންޓުންނެވެ. ލ.ގަން ފައިނަލް ބުރުން ޖާގަ ހޯދީ ރޭ ޒޯން ހައެއްގައި ހިމެނޭ ގއ. ދާންދޫ ބަލިކޮށްގެން ލިބުނު މޮޅާ އެކު ޖުމްލަ ހަ ޕޮއިންޓާ އެކު އެވެ.

ރާއްޖޭގެ ފުޓްސަލް ކިންގް ގެ ގޮތުގައި މަޝްހޫރުވެފައިވާ އަލީ ހާފިޒް (ހާއްޕެ) ގެ ހެޓްރިކަކާ އެކު ރޭ ކުޅުނު މެޗުން އިނގުރައިދޫން ޒޯން ދޭއްގައި ހިމެނޭ ނ. ހޮޅުދޫ ބަލި ކުރީ 2-5 ގެ ބޮޑު ތަފާތަކުންނެވެ. ތިން ރަށް ހިމެނޭ ޒޯން ދޭއްގެ ފުރަތަމަ މެޗުގައި އިނގުރައިދޫ އާއި އޭދަފުށި ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި ޒޯނުގައި ބާކީ އޮތީ ހޮޅުދޫ އާއި އޭދަފުށި ވާދަކުރާ މެޗެވެ. އެހެން ކަމުން އެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އިނގުރައިދޫ މިހާރު ވަނީ ފައިނަލް ބުރުގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ.

އިނގުރައިދޫއާއި ހޮޅުދޫ ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހާއްޕެއަށް ޓްރޮފީ ހަވާލު ކުރަނީ

އެ ގުރޫޕުން ދެން ފައިނަލް ބުރަށް ދަތުރު ކުރާނެ ޓީމެއް އިނގޭނީ ރޭގެ މެޗުން ބަލިވި ހޮޅުދޫއާއި އޭދަފުށި ކުޅޭ މެޗަށް ފަހު އެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް އޭދަފުށްޓަށް ފައިނަލް ބުރަށް ދިއުމުގެ ފުރުސަތު އޮތް އިރު ހޮޅުދޫއަށް ފައިނަލް ބުރުން ޖާގައެއް ލިބޭނީ މެޗުން މޮޅުވެގެންނެވެ.

ރޭގެ މެޗުގައި އިނގުރައިދޫ ޓީމަށް ތިން ގޯލު ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހާއްޕެގެ އިތުރުން އެ ޓީމަށް ގޯލުތައް ޖަހައިދިނީ އަހުމަދު އައިހަމް އާއި އަހުމަދު ޖުމާން އެވެ. ހޮޅުދޫގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ހުނައިފް އާއި އަލީ އުމަރު އެވެ.

އިނގުރައިދޫގެ އިތުރުން ފައިނަލް ބުރުގެ ޖާގައެއް ރޭ ކަށަވަރު ކުރި އަނެއް ޓީމަކީ ލ. ގަމެވެ. ގަން ވަނީ ޒޯން ހައެއްގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ހަތަރު ޓީމު ހިމެނޭ އެ ގުރޫޕުގައި ދެން ހިމެނެނީ ދާންދޫއާއި ގއ. ކޮނޑޭ އަދި ގދ. މަޑަވެލި އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗުގައި ދާންދޫ އަތުން ގަން މޮޅުވީ 0-1 ގެ ހަނި ނަތީޖާ އަކުންނެވެ. އެ މެޗުގެ ހަމައެކަނި ގޯލު ހުސައިން ނާޝިދު ގަން ޓީމަށް ޖަހައިދިން އިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެ ޓީމުގެ ޓީމުގެ ހުސައިން ޝަރީފް (އޮންލީ) އެވެ. ގަމުން ވަނީ ޒޯނު ބުރުގައި ކުޅުނު ފުރަތަމަ މެޗުން މަޑަވެލި ބަލިކޮށްފަ އެވެ. އެހެން ކަމުން ކުރިއަށް އޮތް މެޗުގައި ކޮނޑޭ އަތުން ޕޮއިންޓެއް ހޯދިޔަސް ގަމަށް ޒޯން ޗެމްޕިއަންކަން ލިބޭނެ އެވެ.

ދާންދޫއާއި ލ.ގަން ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އޮންލީއަށް ޓްރޮފީ ހަވާލުކުރަނީ

ޒޯން ހައެއްގެ އަނެއް މެޗުގައި ރޭ ގދ. އަތޮޅުގެ ޗެމްޕިއަން މަޑަވެލި ވަނީ ގއ. އަތޮޅުގެ ރަނަރަޕް ކޮނޑޭ 6-4 އިން ބަލިކޮށްފަ އެވެ. އެހެން ކަމުން އަންނަ މެޗުގައި ދާންދޫއާއި މަޑަވެލި ވާދަ ކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލް ބުރުގެ ޖާގައެއ ލިބޭނެ އެވެ. ސަބަބަކީ ދާންދޫއާއި މަޑަވެލި ދެ ޓީމަށް ވެސް މިވަގުތު ތިން ޕޮއިންޓް ލިބިފައި އޮތް އިރު ކޮނޑޭއަށް އަދި ޕޮއިންޓެއް ނުލިބޭތީ އެވެ. އެހެން ކަމުން ގުރޫޕުގެ ދެވަނައިގައި ފައިނަލް ބުރަށް ދިއުމުގެ ފުރުސަތު ދާންދޫ އަދި މަޑަވެއްޔަށް އެބަ އޮތެވެ.

މީގެ އިތުރުން ރޭ ވަނީ މާލެ ހިމެނޭ ޒޯން 8 ގެ ދެ މެޗު ކުޅެފަ އެވެ. ރޭގެ މެޗުތަކުން ކުރި ހޯދީ ހެންވޭރު އާއި މާފަންނު އެވެ. ހުޅުމާލެއާ ވާދަކޮށް 3-2 އިން ހެންވޭރު މޮޅުވިއިރު މާފަންނު ވަނީ ހަމަ މި ނަތީޖާއިން ވިލިމާލެ ބަލިކޮށްފަ އެވެ.

މާލެ ޒޯންގައި ދެން ކުޅޭނީ ފަހު މެޗުތަކެވެ. މިހާތަނަށް ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު އެއް ވަނައިގައި އޮތް މާފަންނު އާއި ދެ ވަނައިގައި ހެންވޭރު އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. މާފަންނު ޓީމަށް އެއް ވަނަ ލިބެނީ ހެންވޭރު ޓީމަށް ވުރެ އެއް ގޯލު އިތުރަށް ޖަހައިގެންނެވެ. ތިން ވަނައިގައި އޮތް ހުޅުމާލެ އާއި ވިލިމާލެއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ހުޅުމާލެ ތިން ވަނައިގައި އޮތީ ވިލިމާލެއަށް ވުރެ ޖެހި ގޯލު އިތުރުވުމުންނެވެ.

މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.