06 Oct 2019, 12:05
ޑީސީ ކޮމިކްސްގެ މަޝްހޫރު ކެރެކްޓަރ ކަމަށްވާ "ޖޯކަރ" ސިނަމާތަކުގައި އެޅުވުމުން އެ ފިލްމަކީ މާ "ވައިލެންޓް" ފިލްމެއް ކަމަށް ބުނެ އެތައް ބަޔަކު ސިނަމާ ދޫކޮށް ނިކުމެއްޖެ އެވެ.
ހުވާކީން ފީނިކްސް ލީޑް ރޯލުން ފެނިގެންދާ ޖޯކަރ އެޅުވުމާއެކު އެ ފިލްމު ވެގެން ގޮސްފައިވަނީ ވަރަށް "ކޮންޓްރޮވާޝަލް" ފިލްމަކަށެވެ. ފިލްމަށް ރަނގަޅު ރޭޓިން ލިބެމުން ދިޔައިރު އެ ފިލްމުގެ މަންޒަރުތަކާމެދު ބިރުގަންނަ މީހުންވެސް މަދެއް ނޫނެވެ.
ޖޯކަރ ބަލަން ދިޔަ މީހަކު ބުނެފައިވަނީ ފިލްމު ވަކި ހިސާބަކުން އެ ބަލަން ނީނދެވިގެން ސިނަމާއިން ނިކުމެފައިވާ ކަމަށެވެ. އޭނާ ބުނީ އެ ފިލްމުގައި ބަޑި ބޭނުންކުރުން ޕްރޮމޯޓުކުރާ ކަމަށާއި ނަފްސާނީ ބަލިތައް ސިފަކޮށް ދައްކާފައިވަނީ ވަރަށް ބަލަން އުނދަގޫވާ ގޮތަކަށް ކަމަށެވެ.
ފިލްމުގެ ވަކި ހިސާބަކުން ތަފާތު ސިނަމާތަކުން ބެލުންތެރީން ވަނީ ނިކުމެފައެވެ.
އެއް ބައި ފަރާތްތަކުން ދަނީ ފިލްމު ދެއްކުން މަނާކުރުމަށް ގޮވާލަމުންނެވެ.
ބެލުންތެރިންނަށް ފިލްމު ނެރުމުގެ ކުރީން އެ ފިލްމު ވަނީ ވެނިސް ފިލްމު ފެސްޓިވަލްގައި ދައްކާފައެވެ. އަދި އެ ފިލްމަށް ވަނީ ފިލްމު ފެސްޓިވަލްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.
ބޮކްސް އޮފީހުގައިވެސް އެ ފިލްމު ވަރަށް ކާމިޔާބެވެ. އެގޮތުން މިދިޔަ ހަފްތާ ބަންދުގައި އެކަނިވެސް އެ ފިލްމަށް ވަނީ 92 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.