ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔަ ނުދީ ހުއްޓާލާފައި ވަނީ ވެރިކަން ކުރާ އެމްޑީޕީ އަދި އިދިކޮޅު ޑީއާރުޕީން ރާވައިގެން ކަމަށް ވިލިފުށީ ދާއިރާގެ މެންބަރު، އަދި ގައުމީ ޕާޓީގެ ނައީބު ރައީސް، ރިޔާޒު ރަޝީދު ތުހުމަތު ކުރައްވައި ވާހަކަ ދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގައުމީ ޕާޓީ ތަމްސީލު ކުރައްވާ ރިޔާޒް އެހެން ވިދާޅުވެ، ފޮނުއްވާފައިވާ އެސްއެމްއެސްގައި ވަނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މިހާރު ބޭނުންނުވާ ކަމަށާއި އެ އޭގެ ބޭނުމަކީ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ އިމްޕޯޓް އެކްސްޕޯޓްގެ ބިލް ފާސްވިޔަ ނުދިނުމަށާއި ދައުލަތުގެ ބަޖެޓުން މި އަހަރު މަސްވެރިނަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާ ނުދީ ހިފަހައްޓާފައިވާ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިޔަ ނުދިނުން ކަމަށެވެ.

ރިޔާޒު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލުމުގެ އަޑީގައި ތިއްބެވީ ޑީއާރުޕީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ އާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް ( އިބޫ ) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަދި މަޖިލީހުގެ ނައިބް ރައީސް ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވައިފަ އެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ ނައިބް ރައީސްގެ ހައިސިއްޔަތުން ވެސް އޭނާ ވަރަށް ބޭނުންވެލައްވާ ކަމެއް ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތް، އެމްޑީޕީން އެކަންތައްތައް ކުރިއަށް ގެންދާނެ ގޮތެއް އެ ޕާޓީން ހޯދަން ވާނެ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.

"މިމައްސަލަ ހައްލުކުރުމުގެ ތަޅުދަނޑި އޮތީ މެޖޯރިޓީ އޮތް އެމްޑީޕީ އަށް. ނަމަވެސް އެމްޑީޕީ ގަބޫލް ކުރާ އަސާސްތަކެއް ވެސް މިކަމުގައި އެބައުޅޭ، އެހެންވެ ހުރިހާ ޕާޓީތަކެއް ވެސް އެއްބާރުލުން ދީގެން ޖަލްސާތައް ކުރިއަށް ގެންދެވޭނީ،" ނާޒިމް ވިދާޅުވި އެވެ.

Ahmed Nazim (mp3)

ރިޔާޒް ރަޝީދުގެ ވާހަކަތައް ދޮގުކުރައްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ( އިބޫ ) މިއަދު ވިދާޅުވީ ސަރުކާރުން ފާސްކުރަން ބޭނުންވާ ވަރަށް މުހިންމު ބިލްތަކެއްގެ މަސައްކަތް މަޖިލީހުގައި ނުނިމިވާ އިރު މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި އޮތުމަކީ އެމްޑީޕީން ބޭނުންވާ ގޮތެއް ނޫން ކަމަށާއި ޖަލްސާތައް ހުއްޓާލައިގެން އުޅެނީ މަޖިލީހުގައި ވަކިޕާޓީއެއް ތަމްސީލްކުރަމުން ނުދާ ބައެއް މެންބަރުން ކަމަށެވެ.
އިބޫ އަދި ވިދާޅުވީ މިހާރު ހިޔާލު ތަފާތުވެގެން އުޅޭ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިންމަންދެން މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވެސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވެން ޖެހޭނެ ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ.

"މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެއް ނޭޅޭނެ މަޖިލީހުގެ މެންބަރަކަށް ނުވަތަ މަޖިލީހުގެ ރައީސްއަކަށް ވެސް. އެކަން ކަނޑައަޅާނީ ސުޕްރީން ކޯޓުން. ޖަލްސާތައް ކުރިއަށް ގެންދަންޏާ ޖެހޭނީ އެއާ ހިލާފްވާ މެންބަރުން މަޖިލީހުގެ ޖަލްސާ އިން ނެރެގެން ކުރިއަށް ގެންދަން،" ސޯލިހް ވިދާޅުވި އެވެ.

Mohammed Solih (mp3)

މިކަމާ ގުޅިގެން ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައިވާ މައްސަލާގައި ޑީއާރުޕީން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.
ކާށިދޫ ދާއިރާގެ ގޮނޑިއާ ބެހޭ ގޮތުން މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ނައްތާލާ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދެވުމަށް މަޖިލީހުގެ ރައީސް ކުރެއްވި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށާއި އެ މައްސަލައަށް ހައްލެއް ނުހޯދައި ޖަލްސާތައް ބާއްވަން ޖެހިއްޖެ ނަމަ ކުރިއެކޭ ވެސް އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ހުއްޓާލަން ޖެހިދާނެތީ އިއްޔެގެ ޖަލްސާ ވެސް ވަނީ މަޖިލީހުގެ އިދާރާ އިން ކެންސަލްކޮށްފަ އެވެ.

ކާށީދޫ މެންބަރުކަމުން އިސްމާއިލް އަބްދުލް ހަމީދު ވަކިވެއްޖެ ކަމަށް ނުވަތަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި ރިޔާސީ ކޮމިޝަންގެ ތަރުޖަމާން އަބްދުﷲ ހަސީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް ވަނީ އުއްތަމަ ފަނޑިޔާރަށް ސިޓީއެއް ފޮނުއްވާފަ އެވެ.