06 Oct 2019, 11:36
އެމެރިކާގެ ފްލޮރިޑާއަށް ލެއްގި ކުޑަ ވެލައެއްގެ ބަނޑުން 104 ޕްލާސްޓިކް އެތިކޮޅު ފެނިއްޖެ އެވެ.
ފްލޮރިޑާގެ ގަމްބޯ ލިމްބޯ ނޭޗާ ސެންޓަރުން ބުނި ގޮތުގައި އެވެލާ ސަލާމަތް ކުރި އިރު އޭތި އޮތީ އަނަރޫފަވެ، ވަރުބަލި ވެފަ އެވެ. އަދި އެއީ ލޮގާހެޑް ނުވަތަ ބޯބޮޑު ވެލާއެއް ކަމަށާއި އޭތި ބަލާލުމުންވެސް ހާލު ރަނގަޅު ނޫން ކަން އެނގޭ ކަމަށް ނޭޗާ ސެންޓަރުގެ ސީ ޓާޓުލް ރިހެބިލިޓޭޝަން އެސިސްޓެންޓު، އެމިލީ މިރޮސްކީ ބުންޏެވެ.
ގަމްބޯ ލިމްބޯ ނޭޗާ ސެންޓަރުން އެވެލާ ސަލާމަތް ކުރި ނަމަވެސް، މާގިނަ އިރުތަކެއް ނުވެ ވެލާ މަރުވި އެވެ. އަދި އޭގެ ފަހުން ވެލާގެ ބަނޑު ތެރެ ބެލުމުން ފުއްޕާހަމާއި ފުޅީގެ ލޭބަލްތައް ފަދަ ޕްލާސްޓިކް އެތިކޮޅުތައް ފެނުނެވެ.
މިރޮސްކީ ބުނި ގޮތުގައި ކަނޑަށް ޕްލާސްޓިކް އެޅުމުން، ކުޑަ ވެލާތައް ކައި އުޅޭ މޫދު ވިނައިގައި އެތިކޮޅުތައް ހަރުލަ އެވެ. އަދި ވެލައަށް ޕްލާސްޓިކް ކެވުމުން، ބަނޑު ފުރިފައިވާ ކަމުގެ އިހުސާސު ކުރެވި، ބޭނުންވާ ވަރަށް ނުކެއުމުގެ ސަބަބުން ބަލި ވަނީ އެވެ.
މިރޮސްކީ ފާހަގަ ކުރި ގޮތުގައި އެމައްސަލަ ހައްލު ކުރެވޭނީ އެންމެންވެސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުންނެވެ.
"ޕްލާސްޓިކް ބޭނުން ކުރާ މިންވަރު އެބަ މަދު ކުރަން ޖެހޭ. ހަމައެކަނި އަލުން ބޭނުން ކުރުމެއް ނޫން، ނަމަވެސް ކޮންމެ ދުވަހަކު ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ޖެހޭ. މިހާތަނަށް އުފައްދާފައިވާ ހުރިހާ ޕްލާސްޓިކެއް އަދިވެސް ދުނިޔޭގައި އޮންނާނެ. ޕްލާސްޓިކް ނެތިގެން ދިޔުމުގެ ބަދަލުގައި ކުދި އެތިކޮޅުތަކަށް ބަދަލުވަނީ،" މިރޮސްކީ ބުންޏެވެ.
ނެޝަނަލް ޖިއޯގްރެފިކްއިން ބުނާ ގޮތުގައި ކޮންމެ އަހަރަކު ދުނިޔޭގެ ކަނޑުތަކަށް އަޅާ ޕްލާސްޓިކްގެ މިންވަރު އަށް މިލިއަން ޓަނަށް އަރަ އެވެ. އޭގެ ތެރެއިން ބައެއް ބާވަތުގެ ޕްލާސްޓިކް އެތައް ގަރުނުތަކެއް ވަންދެން ހަލާކުނުވެ، ދެމިހުރެ އެވެ. އެގޮތުން ކަނޑުގައި އޮންނަ ޕްލާސްޓިކް ކޮތަޅެއް ހަލާކުވާން 10 އަހަރާ 20 އަހަރާ ދެމެދުގެ މުއްދަތެއް ނަގާ އިރު ޕްލާސްޓިކް ފުޅިތައް ހަލާކުނުވެ 450 އަހަރު ވަންދެން އޮވެދާނެ އެވެ.