06 Oct 2019, 13:00
ބޮލީވުޑާ އަހަރަކަށްވުރެ ގިނަ ދުވަހު ދުރުގައި ހުރުމަށްފަހު ބަތަލާ ޝާހުރުކް ހާން، އާ ފިލްމަކާއެކު ބޮޑު ސްކްރީނަށް ނިކުންނަށް ތައްޔާރުވެއްޖެ އެވެ.
ދާދި ފަހުން ބޭއްވި ޓެޑް ޓޯކް އިންޑިއާގެ ދެވަނަ ސީޒަންގެ އެޕިސޯޑެއްގައި ވާހަކަދައްކަމުން ޝާހުރުކް ބުނީ ތިން ވަރަކަށް ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި އާ ޕްރޮޖެކްޓްތައް އިއުލާނު ކުރާނެ ކަމަށް ޝާހުރުކް ބުންޏެވެ.
އޭނާ ބުނީ އެ ޕްރޮޖެކްޓްތައް ނެރެން ބޭނުންވަނީ ޑިޒްނީ އިންޑިއާ އާއި ވޯލްޓް ޑިޒްނީ ކޮމްޕެނީ އޭޝިއާ ޕެސިފިކް މެދުވެރިކޮށް ކަމަށެވެ. އަދި މިހާރު ވާނީ އެ ދެ ކުންފުނީގެ ވެރީންނާ ވާހަކަވެސް ދައްކާފައި ކަމަށް އޭނާ ބުންޏެވެ.
ޝާހުރުކް އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ މިދިޔަ އަހަރު އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފް އާއެކުގައި "ޒީރޯ" އިންނެވެ. އެ ފިލްމު އިންޑިއާގެ ބޮކްސް އޮފީހުގައި ކާމިޔާބުވާގޮތެއް ނުވެއެވެ.
ޝާހުރުކްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 1992 ވަނަ އަހަރުގައެވެ. އެއަށްފަހު އޭނާ ވަނީ ކޮންމެ އަހަރަކުވެސް މަދުވެގެން އެއް ފިލްމު ކުޅެފައެވެ. އެގޮތުން މިދިޔަ އަހަރާ ހަމައަށް އޭނާ ފެނިގެންދާ ފިލްމެއް ވަނީ ކޮންމެ އަހަރަކު ނެރެފައެވެ. އެހެންނަމަވެސް މި އަހަރަކީ އޭނާ ސްކްރީނުން ފެނިގެން ނުދާނެ އަހަރެއް ކަމަށް ބެލެވެއެވެ.