06 Oct 2019, 09:14
މިދިޔަ ހަފްތާ މާލޭގައި 44 އެކްސިޑެންޓް ހިނގާފައިވާ ކަމަށާއި، އެ އެކްސިޑެންޓުތަކާ ގުޅިގެން ހަތް މީހެއްގެ ލައިސެންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި އެކްސިޑެންޓުތަކުގައި ފަސް މީހަކަށް ވަނީ އަނިޔާވެފަ އެވެ.
މިދިޔަ ހަފްތާ ފުލުހުން ވަނީ ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކްކޮށްގެން 458 އުޅަނދުގައި ސްޓިކާ ޖަހައިފައެވެ. އަދި މި މުއްދަތުގައި 1332 އުޅަނދު ޗެކުކޮށް، 105 އުޅަނދު ޓޯ ކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
މި މުއްދަތުގައި ލައިސެންސް ނެތި އުޅަނދު ދުއްވި 94 މައްސަލައަކާއި އަތުގައި ލައިސެންސް ނެތި ދުއްވި 56 މައްސަލައެއް ފާހަގަކުރެވުނުއިރު، 18 އަހަރުން ދަށުގެ ކުދިން އުޅަނދު ދުއްވި ދެ މައްސަލައެއް މިދިޔަ ހަފްތާގައި ވަނީ ފާހަގަވެފައެވެ.
އޭގެ އިތުރުން ޓްރެފިކް ނިޝާންތަކަށް ނުބަލައި ދުއްވި 16 މައްސަލައަކާއި މައްސަލައެއްވެސް މިދިޔަ މަހު ފާހަގަވިކަމަށް ފުލުހުން ބުންޏެވެ.
ހެލްމެޓު އަޅައިގެން ދުއްވަންޖެހޭ ސަރަހައްދުތަކުގައި ހެލްމެޓު ނާޅާ ދުއްވި 14 މައްސަލައަކާއި ވެހިކަލްގެ ލައިޓު ދިއްލައިގެން ދުއްވަންޖެހޭ ވަގުތުތަކުގައި ލައިޓް ނުދިއްލާ ދުއްވި ހަ މައްސަލައެއްވެސް ފުލުހުންވަނީ ފާހަގަކޮށްފަ އެވެ.