އެމެރިކާގައި އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވާ 45 ވަނަ ޕީޕަލް ޗޮއިސް އެވޯޑަށް ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް ނޮމިނޭޓްވެއްޖެ އެވެ.

މި ފަހަރު އެ އެވޯޑަށް އިންޑިއާ އިން ނޮމިނޭޓްވި ހަމައެކަނި ތަރިއަކީ އާލިއާ އެވެ. އޭނާ ނޮމިނޭޓްވެފައިވަނީ 'ދަ މޯސްޓް އިންސްޕަޔަރިން އޭޝިޔަން ވުމަން' ގެ އެވޯޑަށެވެ.

އެވޯޑަށް އާލިއާ އާއެކު ވާދަކުރަނީ ސައުތު ކޮރެއާގެ ދެ އެކްޓަރުންނާއި ލަވަ ކިޔުންތެރިއަކާއި ތައިލޭންޑްގެ އެކްޓަރަކާއި އިންޑޮނޭޝިއާގެ އެކްޓަރަކާއި މެލޭޝިއާގެ ލަވަ ކިޔުންތެރިއަކާ އަދި ލަވައިގެ ލިރިކްސް ލިޔާ މީހެއްގެ އިތުރުން ތައި މޮޑެލެކެވެ.

ނިމިގެން ދިޔަ 20 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އެވޯޑުގެ އެންމެ މޮޅު ބަތަލާ އަކަށް ވެސް ވަނީ އާލިއާ ބަޓް ހޮވިފައެވެ.

އާލިއާ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުނީ އޭނާ ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމު "ރާޒީ" އިންނެވެ.