ބަލިނުވެ 12 މެޗު ހަމަކުރި އުރުގުއޭ ގައުމީ ޓީމުގައި ހިމެނޭ ލުއިސް ސުއަރޭޒް އާއި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީގެ ކުޅުމާއި އެއްގޮތް ކަމުގެ ވާހަކަތައް ސުއެރޭޒް ޖޯކެއްގެ ގޮތުގައި ފާހަގަ ކޮށްފިއެވެ.

ލިވަޕޫލް އަށް ކުޅެމުންދާ އުމުރުން 24 އަހަރުގެ ފޯވާޑް ސުއަރޭޒް ވެފައިވަނީ އުރުގުއޭ ގައުމީ ޓީމުގައި އިސް ދައުރެއް އަދާ ކުރަމުންދާ ކުޅުންތެރި އަކަށެވެ. މިދިޔަ އަހަރު ބޭއްވުނު ވޯލްޑް ކަޕްގައި ވިދާލި ސުއަރޭޒް ދަނީ އުރުގުއޭ އަށް މުހިންމު ގޯލުތަކެއް ކާމިޔާބު ކޮށްދެމުން ނެވެ.

މިއަހަރު އޮތް ކޮޕާ އެމެރިކާ ގެ ތަށި އުރުގުއޭ އަށް ކާމިޔާބު ކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާ ކޮށްދިން ސުއަރޭޒް ދަނީ އޭނާގެ ކްލަބު ލިވަޕޫލް އަށް ވެސް އިސް ދައުރެއް އަދާ ކޮށްދެމުން ނެވެ. ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަން ދެފަހަރެއްގެ މަތިން ހޯދާފައިވާ މެސީ އާއި އެއްގޮތް ކަމެއް ނުހުންނަ ކަމަށާއި މެސީ އަށް ވުރެ ސުއަރޭޒް މޮޅު ކަމަށް މީޑިޔާ ގައި ދެކެވޭ ވާހަކަތައް އޭނާ ގަބޫލެއް ނުކުރެ އެވެ.

"އަހަރެންނާއި މެސީ އާއި އެއްގޮތް ކަމަށް ބުނުން އެއީ ޖޯކެއް. އެވާހަކަތަކުން އަހަރެންނަށް ލިބިފައިވަނީ މާޔޫސް ކަމެއް. އަހަރެން ނަށް ކާމިޔާބު ލިބެނީ އަހަރެންގެ އަމިއްލަ މަސައްކަތަކުން ނެއް ނޫން. އެކަމުގައި ޓީމުގެ އެހެން ކުޅުންތެރިންގެ ހިއްސާ ވެސް ބޮޑު." ސުއަރޭޒް ބުންޏެވެ.

އިޓަލީ އާއި ދެކޮޅަށް މާދަމާ އުރުގުއޭ ނުކުންނަން ޖެހޭއިރު، ސުއަރޭޒް ގެ ބޭނުން ވަރަށް ބޮޑަށް ހިފާނެކަމަށް ބެލެވެ އެވެ. އުރުގުއޭ އަށް ސުއަރޭޒް ކުޅުނު 52 މެޗުން 26 ގޯލު ކާމިޔާބު ކޮށްދީފައި ވެއެވެ.