06 Oct 2019, 08:33
ބޮލީވުޑްގެ ކާމިޔާބު ތަރި ސުޝާންތު ސިންގް ރާޖްޕުތު އާއި ޖެކްލީން ފާނަންޑޭޒް ލީޑު ރޯލުން ފެނިގެންދާނެ ފިލްމު 'ޑްރައިވް' އަންނަ މަހު ރިލީޒްކުރަން ނިންމައިފި އެވެ.
އަންނަ މަހު ފުރަތަމަ ދުވަހު އެ ފިލްމު ނެޓްފްލިކްސްގައި ސްޓްރީމްކުރަން ހަމަޖެއްސިކަން އިއުލާންކުރީ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ކުރި ޓުވީޓެއްގަ އެވެ.
ފިލްމު އަޅުވަން ފުރަތަމަ ހަމަޖެއްސީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ނަމަވެސް އެ ތާރީޚުގައި ފިލްމު ރިލީޒް ނުކުރެވި، ސެޕްޓެމްބަރު 2018 އަށް އަނެއްކާ ވެސް ތާވަލު ކުރި އެވެ. އަދި އެ ތާރީޚުގައި ވެސް ފިލްމު ރިލީޒްކުރެވޭ ގޮތެއް ނުވި އެވެ. ދެން ފިލްމު ތާވަލްކުރީ މި އަހަރުގެ ޖޫން މަހަށެވެ. އެ ތާރީހު ފަހަނައަޅައިދިޔައިރުވެސް ފިލްމު ރިލީޒްކުރެވޭގޮތް ވަނީ ނުވެފައެވެ.
ޚަބަރުތައް ބުނާގޮތުން ފިލްމު ރިލީޒް ކުރަން ފަސްކުރަން ޖެހުނީ ފިލްމުގެ ބައެއް މަންޒަރުތަކާ މެދު ޕްރޮޑިއުސަރުން ހިތްހަމަނުޖެހިގެން، އަލުން އެ މަންޒަރުތައް ނަގަން ޖެހުމުންނެވެ.
އެ ފިލްމަކީ ދަރްމާ ޕްރޮޑަކްޝަން އިން ގެނެސްދޭ ފިލްމެކެވެ.