އާސެނަލްގެ ކެޕްޓަން ރޮބިން ވެން ޕާސީ ކްލަބުގައި ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެޓީމުގެ ކުރީގެ ކެޕްޓަން ސެސް ފެބްރިގާސް ގޮވާލައިފި އެވެ.

ވެން ޕާސީއަށް އާސެނަލްގެ ކެޕްޓަން ކަން ލިބިގެން ދިޔައީ މިސީޒަން ފެށުމުގެ ކުރިން އައި ޓްރާންސްފާ މުއްދަތު ތެރޭގައި ފެބްރިގާސް ބާސެލޯނާ އާއި ގުޅުމުން ނެވެ. އާސެނަލް އިން ހުރިހާ ބާރެއް ބޭނުންކޮށް ވެން ޕާސީ ހިފެހެއްޓުމަކީ އެކްލަބަށް މަޖުބޫރު ވެފައިވާ ކަމެއް ކަމަށް ވެސް ފެބްރިގާސް ބުންޏެވެ.

"އަހަރެންނަކަށް ނޭނގޭ އާސެނަލް އިން ވެން ޕާސީ ހިފަހައްޓާނެ ކަމެއް. އޭނާ ޓީމުގައި ހުރުމާއި ނުހުރުން އޮތީ އޭނާގެ އަތްމަތީގައި. އެ އުމުރުގައި ވެން ޕާސީ އާސެނަލްގައި މަޑުކުރާ ނަމަ، އޭނާ ރިޓަޔާ ކުރާނީ ވެސް އާސެނަލް ގައި ހުރެ. އޭނާ އަކީ އާސެނަލް ގެ އެންމެ މުހިންމު ކުޅުންތެރިޔާ. ވެން ޕާސީ ޓީމުގައި ބެހެއްޓުމަކީ ވެސް އަހަރެންގެ ވެސް ވަރަށް ބޮޑު އެދުމެއް. އާސެނަލް އަކީ އަހަރެން ސަޕޯޓުކުރާ ޓީމެއް." ފެބްރިގާސް ބުންޏެވެ.

ވެން ޕާސީ ގެ ކުރިމަގު އޮތީ ކޮން ކްލަބަކާ އެކު ކަމެއް އަދި ވަނީ ނޭނގުމެއްގެ ތެރޭގައެވެ. ވެން ޕާސީ ކްލަބާއެކު އިތުރު ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ މަސައްކަތް އާސެނަލް އިން ވަނީ މަޑު ޖައްސާލާފަ އެވެ.

އާސެނަލް އިން ބުނަމުންދަނީ ވެން ޕާސީ އާއެކު އަލުން އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ މަސައްކަތް އަލުން ފަށާނީ މިސީޒަން ނިމުމާއި ގާތްވުމުން ކަމަށެވެ.