ދީނަށް ފުރައްސާރަކުރާ ފަރާތްތަކާ ދެކޮޅަށް އަދަބު ކަނޑައަޅައި، ދީނަށް ފުރައްސާރަ ކުރުުން ހުއްޓުވަން، ދީނީ އެއްބަައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒާހިރު އެހެން ވިދާޅުވީ، މިއަދު ރާއްޖޭގެ ދީނީ އިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމަކީ، އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފާޑުކިޔައި ނެރުނު ރިޕޯޓާ ގުޅިގެން ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތައް ހިއްސާކޮށް، ދީނަށް ފުރައްސާރަކުރުން ހުއްޓުވުމާ ބެހޭގޮތުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއިލް އަފްރާހު "ސަން"އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި ދީނަށް ފުރައްސާރަކުރުން ހުއްޓުވޭނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމުގެ ގޮތުން، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހެއް ގެންނަން ބިލެއް ހުށަހަޅުއްވާނެ ކަމަށް މިނިސްޓަރު ޒާހިރު އެ ބައްދަލުވުމުގައި ވަނީ ދީނީ އިލްމުވެރިންގެ ގާތުގައި ވިދާޅުވެފައެވެ.

އެމްޑީއެންގެ ރިޕޯޓަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި ކުރި ދިރާސާއެއްގެ މައްޗަށް 2015 ވަނަ އަހަރު އެ ޖަމިއްޔާއިން ނެރުނު ރިޕޯޓެކެވެ. އެ ރިޕޯޓުގައި ކީރިތި ގުރްއާނާއި ރަސޫލާގެ ސުންނަތާ ހިލާފު ވާހަކަތައް ހުއްޓެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.