ދިއްލީ (އޮކްޓޯބަރު 5): އިންޑިއާއިން މިދިޔަ ހަފްތާ ތެރޭ ކުއްލި ގޮތަކަށް ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލުމުން ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ ނުރުހުން ފާޅު ކުރައްވައިފި އެވެ.

އިއްޔެ ދިއްލީގައި އޮތް އިންޑިއާ-ބަންގުލަދޭޝް ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ހަސީނާ ވިދާޅުވި ގޮތުގައި އިންޑިއާއިން ކުރިން އެންގުމަކާ ނުލައި ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލުމުން ބަންގުލަދޭޝްއަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި އެކަން ކުރިން އެންގި ނަމަ، އެދަތިތައް ދިމާނުވާނެ ގޮތަށް ފިޔަވަޅު އެޅުނީހެވެ.

"އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލުމުން އަޅުގަނޑުމެންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ. އަޅުގަނޑަކަށް ނޭނގޭ ފިޔާ އެކްސްޕޯޓު ހުއްޓުވީ ކީއްވެ ކަމެއް. އަދި އެކަން ކުރިން އެންގި ނަމަ، އަޅުގަނޑުމެންނަށް އެހެން ގައުމުތަކުން ފިޔާ ގެނެވޭނެ. ނަމަވެސް ކުއްލިއަކަށް އެކްސްޕޯޓު ހުއްޓާލުމުން އަޅުގަނޑުމެންނަށް މައްސަލައަކަށްވި،" ހަސީނާ ވިދާޅުވި އެވެ.

އަދި އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔުޝް ގޮޔާލްވެސް ބައިވެރިވެޑައިގެންނެވި އެފޯރަމްގައި ވާހަކަ ދައްކަވަމުން ހަސީނާ ވަނީ އެކަމަނާގެ ކާތަކެއްޗަށް ފިޔާ ނާޅަން މިހާރު އެދިލައްވާފައިވާ ކަމަށް ވިދާޅުވެ، ސަމާސާ ކުރައްވާފަ އެވެ.

މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދަކަށް ފިޔާ އެކްސްޕޯޓު ކުރާ އިންޑިއާއިން މިދިޔަ އާދިއްތަ ދުވަހު އެކްސްޕޯޓުތައް ވަގުތީ ގޮތުން ހުއްޓާލީ، މިއަހަރު ދިގު ދެމިގެންދިޔަ ވިއްސާރަ މޫސުމުގެ ސަބަބުން ފިޔާގެ ސަޕްލައި މަދުވުމުންނެވެ. އަދި މިދިޔަ އޮގަސްޓު މަހު 25 ރުޕީސްއަށް ލިބެމުން އައި ފިޔާ ކިލޯއެއްގެ އަގު މިމަހު 80 ރުޕީސްއަށް އުފުލުމުންނެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން ހުއްޓާލި ފަހުން އެގައުމުގައި ފިޔާގެ އަގު ދަށަށް ދިޔަ ނަމަވެސް ގިނަ އަދަދަކަށް އެގައުމުގެ ފިޔާ އިމްޕޯޓު ކުރާ ބަންގުލަދޭޝް ފަދަ ގައުމުތަކުގައި ވަނީ އަގު އުފުލިފަ އެވެ. އަދި އެގައުމުގެ ޑިޕްލޮމެޓަކު ވަނީ ބަންގުލަދޭޝްއިން ފިޔާގެ އަގު ތިރި ކުރުމަށް، ސަޕްލައި އިތުރު ކުރުމުގެ ގޮތުން މިސްރާއި ޗައިނާއިން ފިޔާ ގެންދަން މަސައްކަތް ކުރި ނަމަވެސް، އެޝިޕްމެންޓް ފޯރަން ތިން ހަފްތާ އާއި އެއް މަހުގެ މުއްދަތެއް ނަގާނެ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ދަށުން ހިންގާ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑްއިން ވަނީ ރާއްޖެއަށް ފިޔާ އެކްސްޕޯޓު ކުރަނީ ކޯޓާއެއްގެ ދަށުން ކަމުން، ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރަން އެގައުމުން ނެރުނު ގަވާއިދުން ރާއްޖެ އިސްތިސްނާ ވާނެ ކަމަށް ޓުވީޓެއް މެދުވެރިކޮށް ބުނެފަ އެވެ.