05 Oct 2019, 17:39
ރާއްޖޭގެ މަސްވެރި އުޅަނދުފަހަރު މަސްބޭނުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް އިލްތިމާސްކުރާ ކަމަށާއި، އެހެން ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކުގައި ހުއްދަ ނެތި މަަސްވެރިކަން ކުރާނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި ރާއްޖޭގެ މަސްވެރިކަމަށް އައިސް، އެ އުޅަނދެއް ބްލެކްލިސްޓުވުމުގެ ފުރުސަތުވެސް އެބަ އޮތްކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ބުނެފިއެވެ.
ށ. ކޮމަންޑުއަށް ނިސްބަތްވާ "އަންބަރީ" ނަމަކަށް ކިޔާ މަސްދޯންޏެއް، ރާއްޖޭގެ އުތުރުން އިންޑިއާގެ ޖަޒީރާއެއް ކަމުގައިވާ މަލިކު ކައިރިން ރޭ ވަނީ ހިފަހައްޓާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ދޯނި މިހާރު ވަނީ މަލިކުގެ ފަޅަށް ވައްދައިފައެވެ. އަދި އެ ދޯނީގެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެހެން ގައުމެއްގެ ކަނޑުގެ ސަރަހައްދުން ހުއްދަ ނެތި މަސްވެރިކަން ކުރުމަކީ މުޅި ރާއްޖޭގެ މަސްވެރިކަމަށް އެކަމުން ބޮޑު އަސަރެއް ކޮށްފާނެ ކަމެއް ކަމަށެވެ.
އަދި އިންޑިއާ ކަނޑުގެ ކަނޑުމަހާ ބެހޭ މަސްވެރިކަން ބަލަހައްޓާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)އިން އެފަދަ އުޅަނދެއް ބްލެކްލިސްޓުކުރުމުގެ ފުރުސަތުވެސް އޮތްކަމަށް މިނިސްޓްރީން ބުންޏެވެ. ދިވެހިރާއްޖޭގެ އެއްވެސް މަސްވެރި އުޅަނދެއް ދުވަހަކުވެސް މި ލިސްޓުގައި ހިމެނިފައި ނުވާކަމަށާއި، ނަމަވެސް މިހެން ވެއްޖެނަމަ މަސް ގަންނަ ފަރާތްތަކުން ރާއްޖޭގެ މަސްވެރިކަމާ މެދު އޮތް ތަސައްވަރު ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީއިން ބުނީ، ރަާއްޖެއިން ފިނިކުރި އަދި ރޯމަހުގެ ގޮތުގައި އެކްސްޕޯޓު ކުރާ ހުރިހާ ކަނޑުމަހަކާ އެކު މިނިސްޓްރީގެ ފަރާތުން " ޗެކް ސެޓިފިކެޓެއް" ދޫކުރަން ޖެހޭ ކަމަށާއި، އެ ސެޓިފިކެޓަކީ ޔޫރަޕަށް މަސް އެތެރެ ކުރުމުގައި ޔޫރަޕިއަން ކޮމިޝަނުގެ ގަވައިދުގެ ދަށުން ލާޒިމުކަމެއް ކަމަށެވެ. ދިވެހި ކަނޑުގެ ސަރަހަައްދުން ބޭރުން ގާނޫނާ ހިލާފަށް ބާނާ މަހަށްް އެ ސެޓިފިކެޓު ދޫނުކުރާނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުން މަސްވެރިކަން ކުރާ އުޅަނދުތަކާ މެދު މަސްވެރިކަން ކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅުއަޅާނެ ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ.
ރާއްޖޭގެ އެންމެ އުތުރުން އިންޑިއާގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި ދެމެދު އޮންނާނީ ގާތްގަނޑަކަށް 35 ނޯޓިކަލް މޭލެވެ. އެހެންކަމުން، އުތުރުގައި މަސްވެރިކަން ކުރާ އިރު އެކަމަށް ސަމާލުވުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.