05 Oct 2019, 16:49
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބްތަކާއި ޖަމިއްޔާ އަދި ޖަމާއަތްތަކުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް އެއްބާރުލުމަށް ޔޫތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖަމިއްޔާތަކުން ރައްޖޭގެ ގާނޫނު އަސާސީއާއި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އިހުތިރާމްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ޔޫތު މިނިސްޓްރީން މިހެން ބުނެފައިވަނީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައަށް އަމާޒުކޮށެވެ.
އެމްޑީއެންއިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހުރުމުން އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
އިސްލާމްދީނާ ޚިލާފު ގިނަ ވާހަކަތަކެއް ހުރުމުން، އެ ރިޕޯޓު ވަގުތީ ގޮތުން ނަގާފައިވަނިކޮށް އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.
އަދި ފުލުހުން މިހާރު ވަނީ އެ މައްސަލަ ތަހުގީގުކުރަންވެސް ފަށާފައެވެ.
އެ ރިޕޯޓަކީ އެމްޑީއެން އިން 2015 ވަނަ އަހަރު ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި ކޮށްފައިވާ ދިރާސާއެކެވެ.
އެ ރިޕޯޓުގައި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތާ ޚިލާފު ވާހަކަތައް ހުއްޓެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަދި މައްސަލަ އިތުރަށް ހޫނުވެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެމްޑީއެން ބޭން ކުރުމަށް ގޮވާލަމުންނެވެ.