05 Oct 2019, 16:23
މާލެ ސިޓީގައި ބޭނުންކުރާ ތެޔޮ ބައުޒަރުތަކުގެ ތެރެއިން ސަލާމަތީ ގޮތުން ހުންނަންޖެހޭ މިންގަނޑަށް ވުރެއް ދަށް 30 ތެޔޮ ބައުޒަރެއްގެ ލައިސެންސް ކެންސަލްކޮށްފިއެވެ.
ތެޔޮ ބައުޒަރުތަކުގެ ލައިސެންސް ކެންސަލްކޮށްފައިވަނީ ތެޔޮ ބައުޒަރުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބެލުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން މިމަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިންނެވެ.
މި ޕްރޮގްރާމްގެ ދަށުން 42 ބައުޒަރެއް ބަލާ ފާސްކޮށްފައިވާނެ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
މި ބަލައިފާސްކުރުމުގައި ސަލާމަތީ ގޮތުން ހުންނަންޖެހޭ މިންގަނޑަށް ވުރެއް ދަށް 30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ކެންސަލްކޮށްފައި ވާއިރު 11 ތެޔޮ ބައުޒަރެއްގެ ސަލާމަތީ ބައެއް ކަންކަން ރަނގަޅު ކުރުމަށްފަހު އަލުން ބޭނުންކުރުމަށް ވަނީ ހުއްދަ ދީފައެވެ.
ގިނަ އަދަދެއްގެ ތެޔޮ ބައުޒަރުތަކުގެ ލައިސެންސް ބާތިލްކޮށްފައި ވާއިރު، މިދިޔަ މަހުގެ 30 ވަނަ ދުވަހު މާލޭ ޓީ-ޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރަކާއި ލޯންޗެއްގައި ރޯވެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފިއެވެ.
އެ ހާދިސާގައި އެ ސަރަހައްދުގައި އޮތް 10 ތެޔޮ ބައުޒަރެއްގައި ރޯވެ ފަސް ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.