15 Nov 2011, 13:59
މެންޗެސްޓާ ސިޓީގެ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ އެނބުރި އިންޓަމިލާނާއި ގުޅެން ބޭނުންނަމަ، އެކަމަށް މަރުހަބާ ކިޔާ ކަމަށް އެކުލަބުގެ ކޯޗު ކްލައުޑިއޯ ރަނިއެރީ ބުނެފި އެވެ.
އުމުރުން 21 އަހަރުގެ ބަލޮޓެލީ މިސީޒަނުގައި މެންޗެސްޓާ ސިޓީ އަށް މޮޅު ކުޅުމެއް ދައްކައި، ޕްރެމިއާ ލީގުގެ އެއްވަނަ ޓީމުގެ މަގާމަށް އެރުވުމަށް އެޓީމަށް ބޮޑު އެހީތެރިކަމެއް ދީފައި ވެއެވެ.
އިޓަލީ ގައުމީ ޓީމަށް ބަލޮޓެލީ ކުޅުނު ހަވަނަ މެޗުގައި މިދިޔަ ހުކުރު ދުވަހު ވަނީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ޕޮލެންޑާއި ދެކޮޅަށް އިޓަލީ ކުޅުނު އެކުވެރި ކަމުގެ މެޗު ނިމިފައި ވަނީ 2-0 ލަނޑުންނެވެ.
"ބަލޮޓެލީ އެނބުރި އިންޓަ އާއި ގުޅެން ބޭނުންނަމަ އެކަމަށް މަރުހަބާ ކިޔާނަން. ބަލޮޓެލީ އަށް މޮޅު ހުނަރުތަކެއް ލިބިފައިވޭ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ އޭނާ ހިމެނިދާނެ. ނަމަވެސް އެކަން އޮތީ ބަލޮޓެލީ ގެ އަތްމަތީގައި." ރަނިއެރީ ބުންޏެވެ.
އިޓަލީގެ ކުލަބަކަށް ދާން ބޭނުންނަމަ، އިޚްތިޔާރު ކުރާނީ ބަލޮޓެލީ ކުޑަ އިރުއްސުރެ ސަޕޯޓުކުރާ އޭސީ މިލާނަށް ކަމަށް ބަލޮޓެލީ މިދިޔަ ހަފްތާގައި ބުނެފައިވެއެވެ. ނަމަވެސް އެކަމަށް އަދި އެއްވެސް ވަރަކަށް ނުވިސްނާކަމުގައި ވެސް ބަލޮޓެލީ ބުނެފައި ވެއެވެ.