ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ މިސްރާބު ހިމެނޭ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ކުޅިވަރު ކުޅޭ ތަންތަނުގެ 80 ޕަސެންޓަކީ އަންހެނުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ތަންތަނަށް ހަދާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުން އާއްމު ކުރި މި ޕްލޭނަކީ، ސަރުކާރުގެ ވައުދުތައް ހާސިލުކުރާނެ ގޮތުގެ މަޝްވަރާ ހޯދައި، ވަގުތު ތާވަލު ހަދައި، ވިލަރެސްކޮށް، ކަރުދާހަށް ތިރިކޮށްފައިވާ އަދި ކަންކަން ކުރާނެ ގޮތުގެ ސިޔާސަތުތައް ހިމަނައިގެން ކުރިއަށް އޮތް ފަސް އަހަރު މި ގައުމު ހޯދާނެ ކަމަށް ބެލެވޭ ތަރައްގީގެ މިސްރާބު ހިމެނޭ ޕްލޭނެކެވެ.

އެގޮތުން ކުޅިވަރުގެ ދާއިރާ އިން ރާއްޖެ އިން ކަނޑައަޅާފައިވާ ހަތަރު ޓާގެޓެއް އެބަ އޮތެވެ. އޭގެ ތެރޭގައި ހިމެނޭ ފުރަތަމަ ކަމަކީ 2023 ވަނަ އަހަރު އަައުމުގެ ކުރިން ރާއްޖޭގައި ކުޅިވަރު ކުޅޭ ތަންތަނަކީ އަންހެނުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ހާއްސަ ތަންތަން ގޮތުގައި ހެދުމެވެ.

ސަރުކާރުން އެކުލަވާލި ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ވައުދަކީ މުޖުތަމައުގެ ތެރޭގައި އޮތް ތަފާތު ކުރުން ނައްތާލުމެވެ. އެގޮތުން ކުޅިވަރުތަކަށް ވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް ވެސް ގިނަ ފުރުސަތުތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ މީގެ ކުރިން ދެއްވައިފަ އެވެ.

އޭގެ އެއް ހެއްކަކީ ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެންމެ ބޮޑެތި ކާމިޔާބީތަކެއް ރާއްޖެއަށް ހޯދައިދިނީ އަންހެން ކުދިންނެވެ. ރާއްޖެއިން މިފަހަރުގެ އައިއޯއައިޖީގައި ހޯދި ހަތަރު ރަން މެޑަލް ވެސް ހޯދައިފައި ވަނީ އަންހެނުންނެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ކުޅިވަރުގެ ދާއިރާއިން ރަނގަޅު ކާމިޔާބީތަކެއް ހޯދިދާނެ ކަން މި ސަރުކާރުން ވަނީ ދައްކުވައިދީފަ އެވެ. އެގޮތުން އެންމެ ފަހުގެ އައިއޯއައިޖީގައި ރާއްޖޭގެ ލޯފަން ދުވުންތެރިޔާ މުހައްމަދު މާޒިން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

އަދި އޭގެ ފަހުން، އޭޝިއާ ބައްރުގައި ފުރަތަމަ ފަހަރަށް ބޭއްވި ސްޕެޝަލް އޮލިމްކްސް އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ފިރިހެން ފުޓުބޯޅަ ޓީމު ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ކުޅިވަރުގެ ރޮނގުން ރާއްޖެ ދުވަހަކަށް ވުރެން ދުވަހެއް ކުރިއަރަމުން އަންނަ އިރު އެއްވެސް ފަރާތެއް ބާކީ ނުވާނެ ފަދަ ގޮތަކަށް ސަރުކާރުން ވަނީ ޕްލޭން އެކުލަވާލައިފަ އެވެ.

"މުޖުތަމައުގެ އެންމެނަށް ވެސް އެއްވެސް ތަފާތުކުރުމެއް
ނެތި ބައިވެރި ވެވޭނެ އުސޫލަކުން ކުޅިވަރުގެ ދާއިރާ
ތަރައްޤީކޮށް ކުރިއެރުވުން ހިމެނޭ." ސަރުކާރުން ނެރުނު ސްޓެރެޖިކް ޕްލޭނުގައި ބުނެފައިވެ އެވެ.