ވޮޝިންޓަން (އޮކްޓޯބަރު 5): އެމެރިކާގެ ވާމަންޓުގެ ސެނެޓަރު، ބާނީ ސޭންޑާސްއަށް މިދިޔަ ހަފްތާގައި ހާޓްއެޓޭކެއް ޖެހުނު ކަމަށް އޭނާގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަ ކުރަން ކެމްޕެއިން ކުރައްވާ ސޭންޑާސް މިދިޔަ އަންގާރަ ދުވަހު ހޮސްޕިޓަލަށް ގެންދިޔައީ މެޔަށް ތަދެއް އަރައިގެންނެވެ. އަދި ސޭންޑާސްއަށް ހާޓްއެޓޭކެއް ޖެހުނު ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ކެމްޕެއިން ޓީމުން ބުންޏެވެ. މީގެ ކުރިން އެޓީމުން އެވާހަކަ ހާމަ ނުކުރެ އެވެ.

ސޭންޑާސްގެ އެޑްވައިޒަރު ޖެފް ވީވާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން އޭނާގެ ލޭ ނާރެއް ބެދިފައިވާ ކަމަށް ދެއްކިއެވެ. އަދި އޭގެ ސަބަބުން ލޭ ނާރު ތެރެއަށް ދެ ސްޓެންޓް ނުވަތަ ހޮޅިކޮޅު ލައްވާފައިވާ ކަމަށް ވީވާ ވިދާޅުވިއެވެ.

އޭގެ ސަބަބުން ސޭންޑާސްގެ ކެމްޕެއިން ހަރަކާތްތައް ކެންސަލް ކުރި ނަމަވެސް އިއްޔެ އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ ހޮސްޕިޓަލުން މިހާރު ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަރަށް އަވަހަށް ކެމްޕެއިނުން ފެނިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ހަތްދިހަ އަށް އަހަރުގެ ސޭންޑާސްއަކީ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ އެންމެ އުމުރުން ދުވަސްވީ ބޭފުޅާއެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުވެސް ސިއްހީ ސަބަބަކާ ހެދި ސޭންޑާސްގެ ބައެއް ކެމްޕެއިން ހަރަކާތްތައް ކެންސަލް ކުރިއެވެ.

ސޭންޑާސްގެ އިތުރުން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ 70 އަހަރުން މަތީގެ ބޭފުޅުންގެ ތެރޭގައި 76 އަހަރުގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއާއި 70 އަހަރުގެ ސެނެޓަރު އެލިޒަބެތު ވޮރެން ހިމެނެއެވެ. އެ ތިން ބޭފުޅުންވެސް ވަނީ މެޑިކަލް ރެކޯޑުތައް އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.