ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވުމަށްޓަކައި ނަންބަރު ދޫކުރުމުގެ މަސައްކަތް ގަލޮޅު ދަނޑުގައި މިއަދު ފެށުމާއެކު، ގިނަ އަދަދެއްގެ ބިދޭސީން ކިޔޫގައި ޖެހި ދަނޑު ފުރާލައިފިއެވެ.

ގަލޮޅު ދަނޑުން ނަންބަރު ދޫކުރަން ފެށީ މިއަދު ހެނދުނު 09:00 ގައެވެ. އަދި ބިދޭސީން ދަނޑަށް ވެއްދުމަށް ގޭޓު ހުޅުވީ ހެނދުނު 7:30 ގައެވެ.

ނަމަވެސް ރެއިން ފެށިގެން ބިދޭސީން ވަނީ ދަނޑު ބޭރުގައި ކިޔޫ ހަދައިފައެވެ. އަދި ގޭޓު ހުޅުވާލުމާއެކު ދަނޑުގެ ސިޑިބަރިތައް ވަނީ ފުރާލައިފައެވެ. ސަފުތައް ތަރުތީބުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވަނުމަށް ފުރުސަތު ދިނުމަށް ކުރިއަށްގެންދާ "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް"ގެ ދަށުން ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީވާން ކިޔޫ ނަންބަރު ދޫކުރަމުން ދިޔައީ ކުރީގެ ޕީޖީ އޮފީސް ހިންގި އިމާރާތުގައި ހުންނަ، އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓްގައެވެ.

ނަމަވެސް އެ ޔުނިޓުގެ ބޭރުގައި ބިދޭސީން ރޭގަނޑުން ފެށިގެން ދިގު ކިޔޫތައް ހަދައި، އެމީހުން އެތަނުގައި ކޮޅަށް ތިބެންޖެހޭ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ކިޔޫ ނަންބަރު ދޫކުރުމުގެ މަސައްކަތް ގަލޮޅު ދަނޑަށް ބަދަލުކުރަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިހާރު ގަލޮޅު ދަނޑުގައި ކުރިއަށް ދަނީ ރަޖިސްޓްރީވުމަށް އެޕޮއިންޓްމަންޓު ހެދުމުގެ މަސައްކަތެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދު ކިޔޫގައި ޖެހޭ ހުރިހާ ބިދޭސީންގެ ފޮޓޯއާއި މައުލޫމާތު މިނިސްޓްރީން އެއްކުރާނެ ކަމަށެވެ.

އަދި އެއަށްފަހު މިނިސްޓްރީއަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި، އެސްއެމްއެސް މެދުވެރިކޮށް އެމީހުންނަށް އަންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭރުން ދެން އިތުރަށް ކިޔޫގައި ނުޖެހި، ބިދޭސީންނަށް ދަފްތަރުގައި ރަޖިސްޓްރީ ވެވޭނެއެވެ.

ގަލޮޅު ދަނޑުގައި އިކޮނޮމިކް މިނިސްޓްރީގެ 50 މޭޒު ބަހައްޓައިގެން މަސައްކަތް ކުރިއަށްދާއިރު މިނިސްޓްރީން ބުނީ މިއަދު ހަވީރު ފަހެއް ޖެހުމާ ހަމައަށް ކިޔޫގައި ޖެހޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދުން މިއަދަށް ނިމިގެންދާނެ ކަމަށެވެ.

އޭރުން ގަވާއިދާ ހިލާފަށް އުޅޭ ވަރަށް ގިނަ އަދަދެއްގެ ބިދޭސީންގެ ރަޖިސްޓްރޭޝަން މަސައްކަތް ނިމޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރަށް އެ މަސައްކަތް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދާނީ ކިޔޫގައި ޖެހޭ މިންވަރު ބެލުމަށްފަހު ކަމަށެވެ.

ގަލޮޅު ދަނޑުގައި ކިޔޫ ނަންބަރު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ މިއަދު އެކަންޏެވެ.

އެކަށީގެންވާ ވަރަށް ވަސީލަތް ނެތުމުން މީގެ ކުރިން މިނިސްޓްރީން ދޫކުރަމުން ގެންދިޔައީ ދުވާލަކަށް 100-150 ކިއު ނަންބަރެވެ.

އިމިގްރޭޝަން އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 63،000 އަށް ވުރެ ގިނައެވެ.