ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑޭ) މިއަދު ފުލުސް އޮފީހަށް ހާޒިރު ވާން އަންގައިފި އެވެ.

ވައްޑޭ މިއަދު ވިދާޅުވީ މިއަދު 2:00 ޖަހާއެހާކަންހާ އިރު ފުލުސް އޮފީހަށް ހާޒިރު ވާން ޗިޓް ފޮނުވާފައިވާ ކަމަށާއި ފޮނުވާފައިވާ ޗިޓުގައި ވަނީ ހާޒިރު ކުރަނީ "ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް" ކަމަށެވެ.

"ޗިޓް ހިފައިގެން އައި ފުލުސް މީހާ ބުނީ ވަގަށް ދޫނިދު އަށް އެރި މައްސަލައިގައޭ ހާޒިރު ކުރަނީ،" ވައްޑޭ ވިދާޅުވި އެވެ.

ފުލުހުން ބުނީ ވައްޑޭ ހާޒިރު ކުރާ ނަމަ ހާޒިރު ކުރަނީ ފުލުހުންނަށް ނޭނގި ދޫނިދު އަށް ވަޑައިގެންނެވި މައްސަލައިގައި ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި އިސްލާމް ދީނާ ހިލާފު ބެނާތަކެއް ހުރި ކަމަށް ބުނެ އެތަކެތި ނަގަން ހުޅުލެ އަށް އަރަން މި މަހުގެ ނުވަ ވަނަ ދުވަހު ރޭ ބަޔަކު މީހުން ދެ ފެރީއެއްގައި ދަތުރު ކުރަނިކޮށް ފުލުހުން އެމީހުން ހުއްޓުވައި ދޫނިދޫ އަށް ގެންގޮސްފައި ވަނިކޮށް ވައްޑޭ ވަނީ ލޯންޗެއްގައި ދޫނިދޫއަށް ގޮސްފަ އެވެ.

ފުލުހުން އޭރު ބުނެފައި ވަނީ ވައްޑޭ ދޫނިދު އަށް އެރީ "ވަގަށް" ކަމަށާއި އެ މައްސަލަ ބަލާނެ ކަމަށެވެ. ނަމަވެސް ވައްޑޭ ބުނެފައި ވަނީ ދޫނިދު އަށް އަރާފައި ވަނީ ވަގަށް ކަމަށް ފުލުހުނުން ބުނާ ވާހަކަތަކަކީ ދޮގެއް ކަމަށާއި އޭނާ ދޫނީދު އަށް ވަޑައިގަތީ ފަތާފައި ވަގަށް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެގޮތަށް އޭނާ އެ ރަށަށް އެރި ނަމަ ބިޑިއަޅުވައި ހައްޔަރު ނުކުރީ ކީއްވެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.