05 Oct 2019, 12:19
ރޭ މާލޭގައި ބިދޭސީއަކު ރަހީނުކުރި މައްސަލާގައި އިތުރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ބިދޭސީއަކު ރަހީނުކޮށްފައި ވަނީ މާފަންނުގައި ހުންނަ ބިދޭސީން ދިރިއުޅޭ ތަނެއްގެ ތިން ވަނަ ފަންގިފިލާގަ އެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބުމުން، ފުލުހުން ވަނީ ރޭ އެތަނަށް ގޮސް އެމީހާ ސަލާމަތްކޮށްފަ އެވެ.
އެ މައްސަލާގައި ރޭ ފުލުހުން ވަނީ ފަސް ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އަދި މައްސަލައާ ގުޅިގެން މިހާރު އިތުރު ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 24 އަހަރުގެ ދެމީހުންނާއި 22 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ހަ މީހުން ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ވެސް މާލޭގައި ބިދޭސީއަކު ރަހީނުކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
އެމައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުމުން، ބަންގްލަދޭޝް އަށް ނިސްބަތްވާ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ވަނީ ރަހީނުކުރި މީހުންގެ ކިބައިން ސަލާމަތްވެ، އަމިއްލައަށް ފުލުހުންނަށް އެކަން ހިނގައިދިޔަ ގޮތް ކިޔައިދީފަ އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.