05 Oct 2019, 12:26
ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ޓްރެއިނިން ހަދަމުން ދިޔަ ސިފައިންގެ ސްޓާފް ސާޖަންޓެއް ކަމަށްވާ އަލީ ރިޔާޒް ނިޔާވެއްޖެ އެވެ.
އެމްއެންޑީއެފް އިން މިއަދު ބުނެފައި ވަނީ އެމްއެންޑީއެފްގެ މެރީން ޑިޕްލޮއިމެންޓް ޔުނިޓް (އެމްޑީޔޫ)ގައި މަސައްކަތްކުރައްވާ އަލީ ރިޔާޒް ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ވަނީ މިއަދު ހެނދުނު ހުޅުމާލޭގައި އޮތް ބޭސިކް ފިޓްނެސް ޓެސްޓް (ބީއެފްޓީ) ހަދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ހެނދުނު އެނބުރި ގިރިފުއްޓަށް ގޮސް ބަނޑަށް ވައިގެ އުނދަގޫތަކެއް ވެގެން އުޅުނު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އަދި އެ ވާހަކަ ގިރިފުށީގައި ހުރި ދަރިވަރެއް ކައިރީ ބުނަން އުޅުނު ވަގުތު ރިޔާޒް ގައިން ވާގި ދޫވެގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އޭނާއަށް ފަރުވާ ދިނުމަށް ވަގުތުން އިމަޖެންސީގައި އޭޑީކޭ އަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފަ އެވެ. އަލީ ރިޔާޒްގެ ހަށިގަނޑު މިވަގުތު އޮތީ އޭޑީކޭގަ އެވެ.