05 Oct 2019, 12:12
"އޭ ރާއްޖޭގެ ރަށްތައް ފެހިކޮށްލަމާ ތޯ،
ދޮންވެލި މި ތުނޑިތައް ހުދުކޮށްލަމާތޯ،
ރީތިވި ގޮނޑުދޮށް ހަޑިކޮށް ނުލާ،"
މިއީ 30 ވަރަކަށް އަހަރު ކުރީން އއ. ތޮއްޑޫ ސޯސަން ކްލަބުން ބަނޑިޔާ ޖެހުމަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. މިއީ ހުރިހާ ދިވެހީންނަށް އެނގޭނެ ލަވައެކެވެ. ރާއްޖޭގެ ތިމާވެށީގެ ރީތިކަމާއި އެތަންތަން ރައްކާތެރިކުރުމަށް އަމުނާލާފައިވާ ފަށުވި އިބާރާތްތައް އަދިވެސް އަޑުއަހާލަން އެހާ ފަސޭހައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައިވަނީ މި ދޮންވެލި ތުނޑިތަކާއި ގޮނޑުދޮށްތަކާއި ފެހިކަންތަކުގެ މައްޗަށެވެ. ރާއްޖޭގެ އިގްތިސޯދުގެ ބޮޑު ބައެއް ފަތުރުވެރިކަމަށް ބިނާވެފައިވާއިރު އެ ލަވައިގެ ކަޑިތަކަކީ ހަމައެކަނި އަޑު އަހާފައި ދޫކޮށްލެއްވޭ ވަރުގެ ކަމެއް އެއްޗެއް ނޫނެވެ. އެލަވައިގެން ކޮންމެ ކަޑިއެއްވެސް ހަމަ އެހާމެ މުހިއްމެވެ.
ރާއްޖޭގެ ރަށްތައް ފެހިކޮށްލުމަށް ބަނޑިޔާ ގްރޫޕުން ދައްކަމުން އައި ވާހަކަތަކުގައި ޓުއަރިޒަމް މިނިސްޓްރީން ވަނީ ހިފާފައެވެ. ބަނޑިޔާ ލަވަ ޒަމާނީކޮށްލައިފިއެވެ. އަދި މިއީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިއްމު ލަވައަކަށް ހަދައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ގާލާ ނައިޓްގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ސޯސަން ކްލަބުގެ ބަނޑިޔާ ލަވަ ޒަމާނީކޮށް އަލުން ނެރެފައެވެ. ދިވެހި ފަތުރުވެރިކަމާ މި ލަވަ ގުޅިފައިވާލެއް ބޮޑު ކަމުން އެ ލަވަ އަލުން ކިޔުމަށްފަހު ނެރުނީއެވެ.
ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އިސްމާއީލް އައްފާން، ހައިޝަމް މުހައްމަދު ރާޝިދާއި ނިޝްފާ ނާޝިދު އަދި ޒާރާ މުޖުތަބާ އަކީ މި ލަވައިގެ ރީމޭކްގެ ވޯކަލިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ވީޑިއޯ އާއެކު ނެރުނު މި ލަވައަކީ ބަނޑިޔާ ލަވައަށްވުރެ ލަސް އަދި މަޑުމައިތިރި ލަވައެކެވެ. ލަވައިގެން މޫޑް ތަފާތު ވިޔަސް ލަވައިގެ މާނަ މޫޑާއެކު ގެެއްލިގެން ގޮސްފައެއް ނުވެއެވެ. ދިވެހި ރަހަތަކާއެކު ކިޔާފައިވާ މި ލަވައިންވެސް ދެކެވެނީ އެއް ވާހަކައެކެވެ. އެއީ ރާއްޖޭގެ ވެށި ރައްކާތެރިކުރުމަށެވެ. ކަނޑުފަޅުތަކާއި ވިލުތައް ހަޑި ނުކުރުމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމާ މިވަރަށް ގުޅޭނެ ލަވައެއް އަޅެ އޮންނާނެ ހެއްޔެވެ؟
ސްލޯޓޭޕް ކިޔާ ޓީމަކުން ލަވައިގެ ވީޑިއޯ ތައްޔާރުކޮށްފައިވާއިރު، ލަވައިގެ "އިމްޕެކްޓް" އިތުރަށް ވަރުގަދަވެގެން ދެއެވެ. ލަވައިގެ ކޮންމެ މަންޒަރަކުން ފެނިގެންްދަނީ ރާއްޖޭގެ ރީތިކަމާއި ސާދާކަމެވެ. ރާއްޖޭގެ އާދަކާދައާއި ސަގާފަތާއި އުޅުންވެސް އެ ލަވައިން ފެނިގެންދެއެވެ. ދޮންވެލި ތުނޑީންފެށިގެން ބަނޑިޔާ ޖެހުމުން ބޮޑުބެރަށް އެ ލަވައިން ދައްކައިދޭއިރު ހަމަ އެހާމެ ޗާލެވެ. އަދި ލަވައިގެ ކޮންމެ މެސެޖެއްވެސް ވަނީ ވީޑިއޯގެ ކޮންމެ މަންޒަރަކާ ގުޅި ލާމެހިފައެވެ.
އަލަށް ނެރުނު ލަވައާ ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ލަވައަކީ އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ނިޔަލަށް ރާއްޖެއިން ބޭނުންކުރާނެ ލަވަ ކަމަށެވެ. މިނިސްޓްރީން ހިންގާ އިވެންޓުތަކުގައި އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ނިޔަލަށް ބޭނުންކުރާނީ މި ލަވައެވެ.
ކްރޮސްރޯޑްސްގައި ބޭއްވި ގާލާ ނައިޓް ނިންމަވާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އެ ލަވައަކީ އަރުވާ ހަދިޔާއެއް ކަމަށެވެ. މިނިސްޓަރު އަލީގެ ވާހަކަފުޅުގައި ބަނޑިޔާ ލަވައަށް އަލިއަޅުވާލަމުން ވިދާޅުވީ އެއީ ސަގާފަތުގައި ހިމެނޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެއީ މިހާރު ނެތިގޮސްފައި އޮތް ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި ލަވައިގެ ލިރިކްސް ވިސްނާލިއިރު އަޅުގަނޑަށް ފެނުނީ މިއީ އަޅުގަނޑުމެންގެ އެންވަޔަރަމެންޓް މިނިސްޓަރ ކުރައްވާ އިނިޝިއޭޓިވްތަކުގައި އަދި ރައީސް އދގައި ނެންގެވި އިނިޝިއޭޓިވްގައި، އެއީ މީގެ 30 އަހަރުކުރީން ތައްޔާރުކޮށްފައިވާ ލަވައެއް. އަޅުގަނޑުމެން މީގެ 30 އަހަރުން ފަހުން މި ކުރާ ކަންތައް، ޅެންވެރިޔަކަށް މީގެ 30 އަހަރު ކުރީންވެސް ހަމަ ފެނިފައި އެބައޮތޭ،" އަލީ ވަހީދު ވިދާޅުވިއެވެ.
ދެން އެ ލަވަ ބީޓަށް ބަދަލު ގެނެސް ނެރޭއިރު އާ ލަވައަކީ ކުނި ކަހާލަން އޮންނައިރުވެސް އަޑުއަހާލާހިތްވާނެ ލަވައެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.