05 Oct 2019, 11:36
ކޮލަމްބޯ (އޮކްޓޯބަރު 5): ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ކެމްޕެއިން ކުރައްވަމުން ގެންދަވާ ގޯޓާބަޔަ ރާޖަޕަކްސަގެ ލަންކާ ރަށްވެހިކަން ބާތިލު ކުރުމަށް އެގައުމުގެ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލައިފި އެވެ.
ލަންކާގެ ދެ މަދަނީ އެކްޓިވިސްޓަކު ރާޖަޕަކްސަގެ ރަށްވެހިކަން ބާތިލު ކުރުމަށް އެދި އިސްތިއުނާފު ކޯޓަށް މައްސަލަ ހުށަހެޅީ އޭނާ 2003 ވަނަ އަހަރު އެމެރިކާގެ ރަށްވެއްސަކަށް ވުމަށް ލަންކާގެ ރަށްވެހިކަން ދޫކޮށްލެއްވި ކަމަށް ބުނެ އެވެ. އަދި ފަހުން ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ވެރިކަމަށް ވަޑައިގަތުމުން، އަނެއްކާ ވެސް ލަންކާގެ ރަށްވެހިކަން ހޯއްދެވީ ސައްހަ ގޮތެއްގައި ނޫން ކަމަށް ބުނެ އެވެ.
ސްރީލަންކާ ނޫން އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ މީހަކަށް އެގައުމުގެ އިންތިހާބުތަކުގައި ވާދަކުރަން ގާނޫނު އަސާސީން ހުއްދަ ނުކުރެ އެވެ. އެހެންކަމުން މިދިޔަ އޮގަސްޓު މަހު ރާޖަޕަކްސަ ވަނީ އެމެރިކާގެ ރަށްވެހިކަން ދޫކޮށްލައްވާފަ އެވެ.
އަދި އިއްޔެ ކޯޓުން އެމައްސަލަ ބޭރުކޮށްލުމާ އެކު އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ރެޖިސްޓާ ކުރުމުގެ ފުރުސަތު ރާޖަޕަކްސައަށް ވަނީ ލިބިފަ އެވެ. އޭނާ އިންތިހާބުގައި ވާދަ ކުރައްވަނީ މައި އިދިކޮޅު ޕާޓީ ކަމަށްވާ ޕޮޑުޖާނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގަ އެވެ.
ލަންކާގައި ޑިފެންސް ސެކްރެޓަރީގެ މަގާމު 2005އިން 2015އަށް ފުރުއްވައި، އެގައުމުގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރެއްވި ގޯޓާބަޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވީ މިދިޔަ އޭޕްރިލް މަހުގަ އެވެ. އޭނާއަކީ ލަންކާގެ އާބާދީގެ 70 ޕަސެންޓު ހިއްސާ ކުރާ ސިންހަލަ ނަސްލުގެ މީހުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ.
ލަންކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހު 16ގަ އެވެ. އެއިންތިހާބުގައި ރައީސް މައިތިރިޕާލާ ސިރިސޭނާ ވާދަ ކުރައްވާނެކަން އަދި ހާމަ ނުކުރައްވަ އެވެ.
އެ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކޮމިއުނިސްޓް ފިކުރުގެ ޖަނަތަ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ލީޑަރު އަނޫރަ ކުމާރަ ޑިސާނާޔަކަ އާއި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސަ އާއި ނެޝަނަލް ޕީޕަލްސް މޫވްމެންޓް (އެންޕީއެމް)ގެ ފަރާތުން ވާދަ ކުރައްވާ، ލަންކާ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ހިމެނެ އެވެ.