05 Oct 2019, 12:36
ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން އާންމުކުރި ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ މައްސަލާގައި ދައުވާ އުފުލަން ޖެހޭ ފަރާތްތަކާ މެދު ދައުވާ އުފުލުމަށް އާދަލަތު ޕާޓީން ގޮވާލައިފި އެވެ.
އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރިޕޯޓުގައި މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ރައްބުވަންތަކަމާ މެދު ޝައްކު އުފައްދައި އެ އިލާހުގެ ވަހީބަސްފުޅު ކީރިތި ޤުރުއާނުގެ ސައްހަ ނައްސުން ވާރިދުވެފައިވާ ކަންކަމާ މެދު ސުވާލު އުފައްދައި އަދި ރަސޫލާގެ އަބުރުފުޅާއި އެ މާތް ސާހިބާގެ މަތިވެރި ޝަހްސިއްޔަތުގެ ގަދަރާއި ކަރާމާތަށް އިހާނެތިކޮށް، ވާހަކަތައް ހިމަނާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
އެއީ ރާއްޖޭގެ މިނިވަންކަމާއި އަމްނު އަމާންކަމާއި ދާހިލީ ހަމަޖެހުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އަސާސްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބަޔާނުގައިވެ އެވެ.
އަދި އެއީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ކުށަކަށް ވާއިރު، މައްސަލަ ތަހުގީގުކޮށް ދައުވާ އުފުލުމަށް އަދާލަތުން ވަނީ ގޮވާލައިފަ އެވެ.
"މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ މި މައްސަލާގައި ދައުވާ އުފުލަން ޖެހޭ ފަރާތްތަކާމެދު ދައުވާއުފުލުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލަމެވެ،"
އަދާލަތު ޕާޓީން ބުނީ ޖަމްއިއްޔާއެއްގެ ޝަހުސުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށެވެ.
އެމްޑީއެން އިން 2016 ވަނަ އަހަރު ނެރުނު އެ ރިޕޯޓުގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރުމުން، އެ ޖަމިއްޔާ އިން ވަނީ އެ ރިޕޯޓު އަނބުރާ ގެންގޮސް މައާފަށް އެދިފަ އެވެ. އަދި ދީނީ އިލްމުވެރިޔަކާ އެކު ރިޕޯޓު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
އަދާލަތު ޕާޓީން ބުނީ މިއީ 2016 ވަނަ އަހަރު ނެރެ، މިހާރު އަނބުރާ ގެންގޮސްފައިވާ ރިޕޯޓެއް ނަމަވެސް، އެ ރިޕޯޓަކީ ރާއްޖޭގެ ހާލަތުކަމަށް ސިފަކޮށް ބައިނަލްއަގުވާމީ ފަރާތްތަކަށް ހިއްސާކުރެވިފައިވާ ރިޕޯޓަކަށްވެފައި މި ރިޕޯޓާގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އިންތިހާޔަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާތީ ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ގަބޫލުކުރާ ކަމަށެވެ.
އެ ޕާޓީން ބުނީ އެމްޑީއެންގެ ރިޕޯޓުގައި ނަފުރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވަނީ އުފެދިފައިވާ ބައެއް ދީނީ ހިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއްނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނުހޯދާ ކަމަށެވެ.
އެހެންކަމުން އެ މައްސަލަވެސް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ބަލަންޖެހޭ ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
އޭގެ އިތުރުން އެ ރިޕޯޓުގައި ދީނާއި ދައުލަތާއި ރައްޔިތުން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން ފާހަގަކޮށްފައިވާތީ އަދާލަތު ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމަކަށްވާއިރު، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް "ސާޓިފައިކުރެވިފައި ނުވާ" މަދަނީ ޖަމިއްޔާއަކާ އެ މައުލޫމާތު ހިއްސާކޮށްފައި ވަނީ ކޮން ގޮތަކުންތޯ ބަލައި ތަހުގީގުކުރުމަށް ވެސް އަދާލަތު ޕާޓީން ވަނީ ގޮވާލައިފަ އެވެ.
އަދާލަތު ޕާޓީން ވަނީ އިސްލާމްދީނާ ގުޅުންހުރި އެއްވެސް ކަމަކަށް ފުރައްސާރަ އާއި އިހާނެތި ބަސް ރައްދުވާނެހެން ވާހަކަދައްކައި ލިޔެ އަދި އެފަދަ މައުލޫމާތު އާންމުކޮށް، ފަތުރާ ނުހެދުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި މިފަދަ ކަންކަމާ ގުޅިގެން އުފެދޭ ނުތަނަވަސްކަމުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކަށް އިންޒާރުދިނުމާއި، އަނިޔާވެރި އަމަލުތަކަށް މަގުފަހިވެ، މުޖުތަމައުގެ އަމްނު އަމާންކަން ގެއްލިދާނެ އެހެން ވެސް ކަންކަމާއި ބަސްމަގު ހިޔާރުނުކޮށް، ސުލްހަވެރި ގޮތުގައި ގާނޫނީ ހަމަތަކުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް ވަނީ ގޮވާލައިފަ އެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީއިން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ބަލަން ފުލުހުން ނިންމި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.