05 Oct 2019, 11:10
އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ދިވެހި މަސް ދޯންޏެއް އެގައުމުގެ ކޯސްޓްގާޑުން ހިފަހައްޓައިފިއެވެ.
ހިފަހައްޓާފައި ވަނީ "އަންބަރީ" ކިޔާ ށ. ކޮމަންޑޫ މަސްދޯންޏެކެވެ. ދޯނި ހިފެހެއްޓި އިރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ 10 ވަރަކަށް ފަޅުވެރިންނާ އެކު ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާ ފުލުހުން "އަންބަރީ" ދޯނީގައި. މައްސަލަ އަންނަނީ ތަހުގީގު ކުރަމުން -- ފޮޓޯ: މުހައްމަދު ނާޖިހު (ޓްވިޓާ)
އެނގިފައިވާ ގޮތުގައި އެ ދޯނި އިންޑިއާ ކޯސްޓްގާޑުން ހިފަހައްޓާފައި ވަނީ މަލިކުގެ ތިން މޭލު ބޭރުންނެވެ. އަދި މިހާރު އެ ދޯނި ވަނީ މަލިކު ފަޅަށް ވައްދައިފައެވެ.
އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އެމްއެންޑީއެފް އިން ބުނީ މިފަދަ މައްސަލަތަކުގައި މައުލޫމާތު ހާމަކުރާނީ ފޮރިން މިނިސްޓްރީން ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މިކަން ބަލަމުން އަންނަ ކަމަށެވެ. ދޯނި ހިފަހައްޓާފައިވާކަން ނުވަތަ ނޫންކަން ވެސް މިނިސްޓްރީން ޔަގީންކޮށްދީފައެއް ނުވެއެވެ.