15 Nov 2011, 13:00
ސާކް ސަމިޓާ ގުޅިގެން އައްޑޫ ސިޓީގެ ހިތަދޫގައި ބަހައްޓާފައި ހުރި ބުދު ހިމެނޭ މޮނިއުމަންޓް ބަޔަކު ވަގަށް ނަގައިފި އެވެ.
ބުދު ހިމެނޭ މޮނިއުމަންޓް ބަޔަކު ވަގަށް ނެގި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު މިއަދު ވަނީ ސަން އަށް ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް ސާދިގު ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާތީ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށާއި މައްސަލައިގެ ތަފްސީލު ދެވޭނީ ހަމައެކަނި ފުލުހުންނަށް ކަމަށެވެ.
ފުލުހުންގެ ސަދަން ރީޖަން ކޮމާންޑަރު، ސުޕްރިންޑެންޓް އޮފް ޕޮލިސް، ޔޫނުސު ސޮބާހު މިއަދު ވިދާޅުވީ ބުދު ހިމެނޭ ބިނާ ނެތްކަން ފުލުހުންނަށް އެނގުނީ ރޭ ދަންވަރު 2:15 ހާކަންހާއިރު އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ކަމަށެވެ. އޭނާ ވިދާޅުވީ ސާކް ސަމިޓަށް ފަހު އެ ސަރަހައްދު ވަކިން ނުބަލަހައްޓާ ކަމަށެވެ.
ވަގަށް ނެގީ މޮނިއުމަންޓްގެ މަތީ ބައި ކަމަށާއި އެބައި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ސާކް ސަމިޓާ ދިމާކޮށް އައްޑޫގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި މޮނިއުމަންޓްތަކުގެ ތެރެއިން މީގެ ކުރިން ވެސް މައްސަލަތައް ދިމާވި، ޕާކިސްތާން މޮނިއުމަންޓު އިއްޔެ ރޭ ބަޔަކު ވަނީ ރޯކޮށްލާފަ އެވެ.
އަދި ޕާކިސްތާނު ސަރުކާރުން ހަދިޔާ ކުރި މޮނިއުމަންޓަ ބެހެއްޓިތާ ގިނަ އިރުތަކެއް ނުވަނީސް އައްޑޫ ސިޓީގެ ބަޔަކު ނުކުމެ އެ މޮނިއުމަންޓްގައި ލާދީނީ ކަންތައްތައް ހުރިކަމަށް ބުނެ ނުރުހުން ފާޅުކޮށް، މޮނިއުމަންޓް ކައިރީ މުޒާހަރާ ވެސް ކޮށްފައިވެ އެވެ. އެހެންވެ އެ މޮނިއުމަންޓް ނެގުމަށް ފަހު ދެވަނަ ފަހަރަށް މޮނިއުމަންޓް މިދިޔަ ބުދަ ދުވަހުގެ ރޭ ބެހެއްޓުމުން ބަޔަކު ވަނީ އެ އެތި ވައްޓާލައިފަ އެވެ. އެހެން ނަމަވެސް މޮނިއުމަންޓް ބެހެއްޓިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލުން މޮނިއުމަންޓް ބަހައްޓައި ފުލުހުންނާއި ސްޓާ ފޯސް އިން މޮނިއުމަންޓް ކައިރީގައި ފޯރި މަރަމުން ގޮސްފައިވެ އެވެ.
އަދި ބުދު ވައްޓާލި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ބުދު ބެހެއްޓުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށާއި ޣައިރު ގާނޫނީ އަމަލަކަށް ކިޔަމަންވާން ނުޖެހޭނެ ކަމަށާއިި އެ މީހުން ވަގުތުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ.