05 Oct 2019, 11:16
އަބޫޖާ (އޮކްޓޯބަރު 5): ތިންސަތޭކައަށް ވުރެ ގިނަ އަހަރުވެފައިވާ ކަމަށް ނައިޖީރިއާގެ ބައެއް މީހުން ބުނާ، އަލަގްބާ ނަމަކަށް ކިޔާ ކަހަނބު އިއްޔެ މަރުވެއްޖެ އެވެ.
ނައިޖީރިއާގެ އޮގްބޮމޮޝޯ ސިޓީގައި ހުންނަ ޝާހީ ގަނޑުވަރެއްގައި ގެންގުޅުނު އަލަގްބާ މަރުވީ ކުޑަ ދުވަސްކޮޅަކަށް ބަލިވެ އުޅުމަށް ފަހު ކަމަށް އެގަނޑުވަރުން ބުންޏެވެ. އަދި އަލަގްބާ އެގަނޑުވަރަށް ގެންދިޔައީ 1770 އާއި 1797އާ ދޭތެރޭ އެ ސިޓީގައި ވެރިކަން ކުރި ލީޑަރުގެ ދައުރުގައި ކަމަށް އެގަނޑުވަރުން ބުނެ އެވެ.
އެހެންކަމުން އެގަނޑުވަރަށް އަލަގްބާ ގެންދިޔަ އިރު ވެސް އެކަހަނބަށް 100 އަށް ވުރެ ގިނަ އަހަރުވެފައި ވާނެ ކަމަށް ބެލެވެ އެވެ.
ނައިޖީރިއާގެ ބައެއް މީހުން ބުނާ ގޮތުގައި އެކަހަނބަށް މީހުންގެ ބަލިތައް ފަސޭހަ ކުރުމުގެ ބާރު ލިބިފައިވެ އެވެ. އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން އަލަގްބާއަށް ޒިޔާރަތް ކުރެ އެވެ.
ނަމަވެސް އަލަގްބާގެ އަސްލު އުމުރާ ބެހޭ ގޮތުން ބައެއް ފަރާތްތަކުގެ މެދުގައި ވަނީ ދެބަސްވުން އުފެދިފަ އެވެ.
އިނގިރޭސިވިލާތުގެ ބްރިސްޓޮލް ޒޫގައި ބައެއް ބާވަތުގެ ޖަނަވާރުތައް ބަލަހައްޓާ ޓިމް ސްކެލްޓަން ބުނި ގޮތުގައި އަލަގްބާއަށް އެހާވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.
"ކަހަނބަކަށް 100 އަހަރަކީ ރަނގަޅު އުމުރެއް. ޖަޔަންޓް ޓޯޓޮއިސް 200 އަށް ވުރެ ގިނަ އަހަރުވަންދެން ދިރިއުޅޭ. ނަމަވެސް އެއީ ވަރަށް މަދުންވާ ކަމެއް. އަދި އެހެން ބާވަތްތަކުގެ ކަހަނބު ދިރިއުޅެނީ 70 އަހަރާއި 80 އަހަރާ ދެމެދުގެ މުއްދަތަކަށް، ގިނަ ވެގެން 100 އަހަރަށް،" ސްކެލްޓަން ބުންޏެވެ.
އަލަގްބާ އަކީ ޖަޔަންޓް ޓޯޓޮއިސްއެއް ނޫނެވެ. ސްކެލްޓަން ބުނާ ގޮތުގައި އެއީ އެފްރިކަން ސްޕާ-ތައިޑް ޓޯޓޮއިސްއެކެވެ.
އަދި ކަހަނބާއި ކިނބޫ ފަދަ ރެޕްޓައިލްސްގެ މާހިރެއް ކަމަށްވާ ޖޯން ވިލްކިންސަން ވެސް ވަނީ އަލަގްބާއަކީ އެހާ އުމުރުން ދުވަސްވީ ޖަނަވާރެއް ކަމަށް ނުބެލެވޭ ކަމަށް ބުނެފަ އެވެ.
ގިނެސް ވޯލްޑް ރެކޯޑްސްގައި އެންމެ ގިނަ ދުވަސްވަންދެން ދިރިއުޅުނު ކަމަށް ފާހަގަކޮށްފައިވާ ކަހަނބަކީ ޓޮންގާގައި 1965 އާ ހަމައަށް ދިރިއުޅުނު 189 އަހަރުގެ ކަހަނބެކެވެ.