05 Oct 2019, 10:14
ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެކަމަށް އެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު، އަދި އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކުން އެކުލަވާލައި، 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރިކަމަށް ބުނެ، ގިނަ ބަޔަކު އެ ރިޕޯޓާ ދެކޮޅަށް ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ.
"ޕްރިލިމިނަރީ ރިޕޯޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވާހަކަތަކެއް ހިމެނޭކަމަށް ބުނެ، އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލަން ނިންމިކަމެއް އެނގިފައެއް ނުވެއެވެ.
އެ ރިޕޯޓުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް އެމްޑީއެންއިން ވަނީ ރިޕޯޓު އިސްލާހުކުރުމަށްޓަކައި ވަގުތީގޮތުން އެ އަނބުރާ ގެންގޮސް، މައާފަށްވެސް އެދިފައެވެ.
މީގެ ކުރިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕު ލީޑަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ދީނަށް ފުރައްސާރަކުރުމުގެ ކަންކަން ކުރަމުންދަނީ ދުޜާލައި ރާވައިގެން، އަދި ބޭރުގެ ނުފޫޒާއެކު ކަމަށެވެ.
އޭނާ ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށެވެ. އަދި މިކަންތައް ހުއްޓުވައި، ފިޔަވަޅު އަޅަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީއެންގެ ރިޕޯޓު އަނބުރާ ގެންދަމުން އެ ޖަމިއްޔާއިން ބުނެފައިވަނީ އޭގައި ހިމެނޭ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބައެއް ބަހުރުވައާއި ވާހަކަތައް ގެނެވިފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަދި ރިޕޯޓު ގެނެވިފައި އޮތް ގޮތުން އާންމުންގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ދެނެގަނެ، ރިޕޯޓުގައިވާ މިފަދަ ބައިތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ." އެމްޑީއެންގެ ބަޔާނުގައިވެއެވެ.
އަދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާ ކަމަށްވެސް އެމްޑީއެންއިން ބުންޏެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގައި ރާއްޖޭގެ ދީނީ ބައެއް އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަދި މިހާރުގެ މެމްބަރުން ދަނީ އެ ޖަމިއްޔާއަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ. އަދި އެ ޖަމިއްޔާ އުވާލުމަށްވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
އިސްލާމްދީނަށް ފުރައްސާރަކުރާތީ މިދިޔަ މަހުގެ ތެރޭގައި ގދ. ތިނަދޫއިން 38 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ އިރު، ފުލުހުން އިއްޔެ ބުނީ އޭނާއަށް ކައުންސެލިން ދެމުންދާ ކަމަށެވެ.
މީގެ އިތުރުން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް، ދިވެހިބަހުން ޕޯސްޓުތަކެއް ލިޔަމުން ދިޔަ ޕޭޖެއް ސަރުކާރުން އެދިގެން ފޭސްބުކްއިން މިދިޔަ މަހުގެ ތެރޭގައި ބްލޮކްވެސް ކޮށްފައިވެއެވެ.